އީރާނުގެ ހަކަތައިގެ މައި މަރުކަޒު ކަމަށްވާ ޚާރްގް އައިލެންޑް ފުނޑުފުނޑުކޮށްލަމުންދާ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައިފިއެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ. ޓްރަމްޕް ހިއްސާކުރެއްވި މި ޕޯސްޓުގައިވާ ވީޑިއޯއަކީ އޭއައި ބޭނުންކޮށްގެން ސިންތެޓިކަލީ އުފައްދާފައިވާ ވީޑިއޯއެއްކަން ރޮއިޓާސްއިން ކަށަވަރުކޮށްދީފައިވާއިރު، އެ ރަށަށް ހަމަލާއެއް ދެމުންދާ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި މިކަމާ ގުޅިގެން ވައިޓް ހައުސް އާއި ޕެންޓަގަންއިން ވަގުތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ޖުލައި މަހުގެ ފަހުކޮޅަށްފަހު އެމެރިކާގެ އަސްކަރިއްޔާއިން ދިންކަން އެނގިފައިވާ ފުރަތަމަ ހަމަލާގައި، ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ ލާރަކް އައިލެންޑުގައި ހުރި އީރާނުގެ ރޮކެޓް ދެ ލޯންޗަރަކަށް ވަނީ ހަމަލާދީފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ މިއީ ކަނޑުއޮޅީގައި ނުރައްކާ އުފައްދަމުންދިޔަ އައިއާރުޖީސީގެ މައިން ވަޅުލާ ފައުޖުތަކާ ދެކޮޅަށް ދިން އަމާޒު ހަމަލާއެއް ކަމަށެވެ.
މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ޖޯޑަންގައި ހުންނަ އެމެރިކާގެ ދެ އަސްކަރީ މަރުކަޒަކަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. ޖޯޑަންގެ ވައިގެ ސަރަޙައްދަށް ވަން އަށް މިސައިލެއް އެ ގައުމުން ވައްޓާލާފައިވާއިރު، އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކުރި ހުރިހާ މިސައިލެއްހެން ވައްޓާލެވި ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަނގުރާމައިގެ ނުތަނަވަސްކަން އިތުރުވަމުންދާއިރު، އީރާނަށް ޕްރެޝަރު ކުރުމުގެ ގޮތުން ކޮންމެ ހަފްތާއަކު ވެސް ސެކަންޑަރީ އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ އިސްކަންދޭނީ އީރާނާއެކު މާލީ މުއާމަލާތްތައް ކުރާ ބޭންކުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ ހާލަތު ގޯސްވަމުންދާތީ، އެ ސަރަހައްދުން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އީރާނުން ބޭރުކުރާ ތެލުގެ 90 އިންސައްތަ ހިއްސާކުރާ ޚާރްގް އައިލެންޑަށް ހަމަލާއެއް އަމާޒުވެއްޖެނަމަ، އެއީ އީރާނުގެ އިގްތިސާދަށާއި މުޅި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރާނެ ކަމެކެވެ.



