އަންނަ މަހުގެ 19 އިން އޮކްޓޯބަރު 4 އަށް ކުރިއަށްދާ، އޮލިމްޕިކްސްއަށްފަހު ބާއްވާ އެންމެ ބޮޑު މަލްޓި ސްޕޯޓްސް އިވެންޓުގައި 11،000 އެތުލީޓުންނާއި 6،000 އޮފިޝަލުން ބައިވެރިވާނެ ކަމަށް އަންދާޒާކުރެވެއެވެ. ބައިވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން އެކޮމޮޑޭޝަނަށް ކުރިން ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އޮގަނައިޒިން ކޮމިޓީއާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ އިން މިހާރު ވަނީ އެކަމަށް ހައްލު ހޯދާފައެވެ. ވަކިން އެތުލީޓްސް ވިލެޖެއް ނުހަދަން ޖަޕާނުން ނިންމާފައިވާތީ، އެކޮމޮޑޭޝަން ހަމަޖައްސަނީ ހޮޓެލްތަކުގެ އިތުރުން ވަގުތީ ލަކުޑި އެކޮމޮޑޭޝަންތަކާއި ބަނދަރުކޮށްފައިވާ "ކޮސްޓާ ސެރޭނާ" ކްރޫސް ޝިޕްގައެވެ.
ރާއްޖޭގެ ޓީމުތަކުގެ ތެރެއިން ސްވިމިން ޓީމު ތިބުމަށް ހަމަޖެހިފައިވަނީ އެމީހުންގެ އިވެންޓްތައް އޮންނަ ޓޯކިޔޯގައެވެ. އަދި ބާކީ ކުޅިވަރުތަކުގެ އެތުލީޓުން ތިބޭނީ ނަގޯޔާގައެވެ. އެންމެ ފަހުން އޭޝިއަން ގޭމްސް ބޭއްވީ ކޮވިޑާ ގުޅިގެން ފަސްކުރުމަށްފަހު 2023 ވަނަ އަހަރު ޗައިނާގެ ހަންޒޯގައެވެ.






