Thursday, October 22
ހުޅުޖަހައި ލޫޓުވަން ގޮވާލި މައްސަލައިގައި "ޑެތު" ހައްޔަރުކޮށްފި

ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގެ ތުހުމަތުގައި، "ޑެތު" ގެ ނަމުން މަޝްހޫރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ކުއްޅަވައްގެ، އުމުރުން 25 އަހަރުގެ ޢަލީ ޖުމާން (ޑެތު) އެވެ. އޭނާ ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޖުމާން، މިދިޔަ ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި، 100 އަހަރަށް ބިންތައް ކުއްޔަށް ދޭ މައްސަލައާ ދެކޮޅަށް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި މުޒާހަރާކުރުމަށް ގޮވާލާފައިވެއެވެ. އަދި ރާއްޖޭގެ މަޝްހޫރު ފިހާރައެއްގެ ނަން ފާހަގަކޮށް، ފިހާރަ ލޫޓުވުމަށް ވެސް އެ ޕޯސްޓުގައި ހިތްވަރުދީފައިވެއެވެ. އެ ޕޯސްޓު މިހާރު ވަނީ ޑިލީޓުކޮށްފައެވެ.

ޖުމާންއަކީ މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުން ފާހަގަވެފައިވާ މީހެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާއިން ވެސް ފުލުހުން އޭނާ ހައްޔަރުކޮށްފައިވެއެވެ.

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި، ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު