މާލޭ އުތުރު ބަނދަރުގައި ފިންގާ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން އަޅާ 15 މީޓަރުގެ ފުރަތަމަ ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ބާކީ ހުރި 15 މީޓަރުގެ 2 ޖެޓީގެ ރީއިންފޯސްމަންޓް އަދި ޝަޓަރިންގް މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫޢަށް ސަރުކާރުން 18.98 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. މި މަސައްކަތް ފެށީ މި މަހުގެ ހަ ވަނަ ދުވަހެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗަކަށް އެރުމަށްޓަކައި އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކޮށް އަރަންޖެހޭ ތަކުލީފާއި އުނދަގޫތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މިއީ ހާއްސަކޮށް ކުޑަކުދިންނާއި، އިސްރަށްވެހިންގެ އިތުރުން ލަގެޖު ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ލިބޭނެ ބޮޑު ލުއިފަސޭހައެއް ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
ޖެޓީތައް ހެދުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ޖާގަ ލިބި، އެއްފަހަރާ ގިނަ އުޅަނދުތަކެއް ޖެޓީއާ ކައިރިކުރުމުގެ ފުރުސަތު ފަހިވެ، ދަތުރުތައް އަވަސްވެ ދަތުރުވެރިންގެ ރައްކާތެރިކަންވެސް އިތުރަށް ކަށަވަރުވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.






