Thursday, October 22
ހުޅުމާލެ ހޮސްޕިޓަލްގައި ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯއެންޓެރޮލޮޖީ، ނިއުރޮލޮޖީ އަދި ޔޫރޮލަޖީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތްތައް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ހޮސްޕިޓަލުގެ ނިއުރޯ ސައިންސް ޔުނިޓް ހުޅުއްވައިދެއްވީ ސިއްޙަތާއި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ގީލާ އަލީއެވެ.

މި ޚިދުމަތްތައް ފެށުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި މި ފަރުވާތައް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ އައިޖީއެމްއެޗްގެ ވެއިޓްލިސްޓް ކުޑަކޮށް، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާންޖެހޭ މިންވަރު މަދުކުރުން ކަމަށެވެ. އަދި ސަރުކާރުގެ ހޮސްޕިޓަލްތަކުން ސްޕެޝަލިސްޓް ޚިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް މައުލޫމާތު ދެއްވި ގޮތުގައި، މިއަދުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލުން ނިއުރޮލޮޖީ ކޮންސަލްޓޭޝަންގެ އިތުރުން އީއީޖީ ހެދުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެއިތުރުން ޔޫރޮލަޖީ ކޮންސަލްޓޭޝަނާއި ޔޫރޯފްލޯމެޓްރީ ފަދަ ޓެސްޓްތައް ހެދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ގެސްޓްރޯއެންޓެރޮލޮޖީގެ ޚިދުމަތާ ގުޅޭގޮތުން ޙަލީމް ވިދާޅުވީ، މިވަގުތު ކޮންސަލްޓޭޝަންގެ ޚިދުމަތް ފެށިނަމަވެސް، ކުރިއަށް އޮތް ތަނުގައި އެންޑޯސްކޯޕީ އަދި ކޮލޯނޯސްކޯޕީ ފަދަ އިންޓަވެންޝަނަލް ޚިދުމަތްތައް ހުޅުމާލެ ހޮސްޕިޓަލުން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު