ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މުދާ ހާމަނުކުރި ކަމުގެ ދަޢުވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އިސްމާޢީލް ޞަބްރީ ޔަޢުޤޫބުގެ މައްޗަށް ވަނީ އުފުލާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ކޮރަޕްޝަންގެ މައްސަލަތަކުގައި ދަޢުވާ ލިބުނު މެލޭޝިއާގެ ތިންވަނަ ކުރީގެ ބޮޑުވަޒީރެވެ.
2021 އިން 2022 އަށް 15 މަސްދުވަހު ބޮޑުވަޒީރުކަން ކުރެއްވި އިސްމާޢީލް ޞަބްރީގެ މައްޗަށް ތުހުމަތު ކުރެވެނީ އެތެރޭގެ އަދި ބޭރު ފައިސާއާއި، ރަނާއި ރިހި ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މުދާ ފޮރުވި ކަމަށެވެ.
ކުއާލަ ލަމްޕޫރުގެ ކޯޓުގައި އިސްމާޢީލް ޞަބްރީ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް އިންކާރު ކުރައްވާފައެވެ. އަދި އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާއިރު، ކުށް ސާބިތުވެއްޖެނަމަ ފަސް އަހަރުގެ ޖަލު ޙުކުމެއް އަދި ޖޫރިމަނާއެއް އައުން އެކަށީގެންވެއެވެ.
ޞަބްރީގެ ވަކީލު ވިދާޅުވީ މިއީ މުދާ ހާމަކުރުމުގެ އެންގުމަކާ ގުޅޭ މައްސަލައެއް ކަމަށާއި، މި ދަޢުވާގެ ޤާނޫނީ ޞައްޙަކަމާމެދު ކަންބޮޑުވުންތަކެއް ހުރުމުން އެކަން ދިރާސާ ކުރަމުންދާ ކަމަށެވެ.
ކޮރަޕްޝަނާއި މަނީ ލޯންޑްރިންގގެ ތަޙުޤީޤާ ގުޅިގެން އިސްމާޢީލް ޞަބްރީގެ މުދަލުގެ ބަޔާން ހުށަހަޅުއްވާފައިވާއިރު، އެންޓި-ކޮރަޕްޝަން އެޖެންސީން ވަނީ އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ 170 މިލިއަން ރިންގިޓްގެ ފައިސާއާއި 16 ކިލޯގެ ރަން ހިމެނޭހެން ގާތްގަނޑަކަށް 40 މިލިއަން ޑޮލަރުގެ މުދާ ހިފަހައްޓާފައެވެ.
ތަޢުލީމީ ގޮތުން ޤާނޫނީ ވަކީލެއް ކަމަށްވާ އިސްމާޢީލް ޞަބްރީ ވަނީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތިން ބޮޑުވަޒީރެއްގެ ދައުރުގައި ކެބިނެޓްގެ މުހިންމު އެކި ވުޒާރާތަކުގެ ވަޒީރުކަން ކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން



