އީރާނުގެ ވިޔަފާރި ބައިވެރިންނަށް އަމާޒުކޮށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންދާއިރު، އެމެރިކާއިން ވަނީ މިހާތަނަށް ހިންގާ އެންމެ ވަރުގަދަ މާލީ ހަމަލާ އީރާނަށް ދޭނެކަމުގެ އިންޒާރު ދީފައެވެ. މީގެ ރައްދުގައި އީރާނުން ވަނީ މި އިޤްތިޞާދީ ހަނގުރާމަ ކުރިއަށްދާނަމަ ގަލްފް ސަރަޙައްދުން ތެޔޮ ބޭރުކުރުން އެއްކޮށް ހުއްޓުވާނެ ކަމަށް ބުނެފައެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، އީރާނާ ދެކޮޅަށް 'އިޤްތިޞާދީ ޑީ-ޑޭ' ފަށާނެ ކަމަށާއި، އަމާޒަކީ އީރާނުގެ އިޤްތިޞާދާއި މާލީ ނިޒާމާ ގުޅުން ބާއްވާ ޤައުމުތައް ކަމަށެވެ. އަދި އެ ގުޅުން ދެމެހެއްޓުމުން ނުކުމެދާނެ ނަތީޖާއާމެދު އެ ޤައުމުތަކުން ވިސްނަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ މި އިންޒާރަށް ރައްދު ދެއްވަމުން، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރިޟާއީ ވިދާޅުވީ، "މި އިޤްތިޞާދީ ހަނގުރާމަ ކުރިއަށްދާނަމަ، ހޮރުމުޒް ކަނޑުއޮޅިން ވިޔަސް އަދި ފާރިސީ ކަނޑުއޮޅީގެ އެއްވެސް ދިމާއަކުން ވިޔަސް އެންމެ ތެޔޮ ތިއްކެއްވެސް ބޭރެއް ނުކުރެވޭނެ" ކަމަށެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ އިޤްތިޞާދީ ހަނގުރާމައިގައި އެއްވެސް ޤައުމަކުން ބައިވެރިވުމަކީ ހަނގުރާމައިގެ ޢަމަލެއްގެ ގޮތުގައި ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ބެސެންޓް ވަނީ ޗައިނާއިން އެމެރިކާއަށް އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ. ނަމަވެސް ޗައިނާ އެމްބަސީން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޙައްލެއް ނޫން ކަމަށް ބުނެ، ޑިޕްލޮމެޓިކް މަގު އިޚްތިޔާރުކުރުމަށް ގޮވާލާފައެވެ. ދެ ޤައުމުގެ ދެމެދުގައި ސީދާ ވާހަކަތައް ނުދެކެވޭއިރު، ޤަތަރު، ޕާކިސްތާން އަދި ތުރުކީ ފަދަ ޤައުމުތަކުން އަންނަނީ ޞުލްޙައިގެ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އާސިމް މުނީރު ވެސް ތެހެރާނަށް ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ފެބުރުވަރީ 28 ގައި ފެށުނު މި ހަމަނުޖެހުންތަކުގައި އީރާނުގެ އިޤްތިޞާދަށާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހޮރުމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށްވެސް ވަނީ ބޮޑު ނުތަނަވަސްކަމެއް ވެރިވެފައެވެ.
މި ލިޔުން ކިޔާލުމުން



