ތުރުކީ ބޯޑަރު ކައިރީގައިވާ ސީރިޔާގެ އަބޫ ދުހޫރު ވައިގެ މަރުކަޒަށް އިސްރާއީލުން ދިން ހަމަލާއަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި، އެމެރިކާ މެދުވެރިވެގެން ސީރިޔާއާއި އިސްރާއީލާ ދެމެދު އުރުދުންގައި މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ސީރިޔާގެ ޚާރިޖީ ވަޒީރު އަސްޢަދު އަލް-ޝައިބާނީ ވަނީ އިސްރާއީލުގެ މޮސާޑުގެ ވެރިޔާ ރޯމަން ގޮފްމަން އިސްވެ ހުންނެވި ވަފުދަކާ ބައްދަލުކުރައްވާފައެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ އިސްރާއީލުގެ ހަމަލާތަކާއި ހައްޔަރުކުރުންތައް ހުއްޓުވުމަށް އަމަލީ އުސޫލުތަކެއް އެކަށައެޅުމަށާއި، ދެމެހެއްޓެނިވި ސަލާމަތީ އެއްބަސްވުމަކަށް ވާސިލުވުމަށެވެ. އަދި އިސްރާއީލާއި ތުރުކީގެ ވާދަވެރިކަމުގެ އަސަރު ސީރިޔާއަށް ފޯރިޔަނުދިނުމާ ގުޅޭގޮތުން ވެސް ދެފަރާތުން މަޝްވަރާކުރިއެވެ.
ސީރިޔާއިން މި މަޝްވަރާތަކުގައި ބާރުއަޅާފައިވަނީ ޤައުމީ އަސްކަރިއްޔާ އަލުން ބިނާކުރުމާއި ސިޔާދަތީ ޙައްޤުތައް ހަނިކުރެވޭނެ އެއްވެސް އިންތިޒާމެއް ޤަބޫލުނުކުރާނެ ކަމަށެވެ. އަދި 1974 ގެ އެއްބަސްވުމާ އެއްގޮތަށް އިސްރާއީލު ސިފައިން ކުރީގެ މަޤާމުތަކަށް އެނބުރި ދިއުމަށް ސީރިޔާއިން އެދިފައިވެއެވެ.
އިސްރާއީލުގެ ފަރާތުން ވަނީ ސީރިޔާގައި ތުރުކީގެ އަސްކަރީ ހަރަކާތްތައް ހުއްޓުވުމަށާއި، ގޯލާން އުސްބިންތަކުގެ ސީރިޔާ ފަޅިއަކީ އަސްކަރީ ހަތިޔާރު ނެތް ސަރަޙައްދެއްގެ ގޮތުގައި ބޭއްވުމަށް ޝަރުޠުކޮށްފައެވެ.
ބައްދަލުވުމުގެ ކުރިން ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު އަލް-ޝައިބާނީ ވިދާޅުވީ، ދިމިޝްޤުން އިސްރާއީލަށް އިތުބާރު ނުކުރި ނަމަވެސް ޑިޕްލޮމެސީއަށް އަދިވެސް ދޮރު ހުޅުވިފައިވާ ކަމަށެވެ. އަދި އަހަރުގެ ކުރީކޮޅު ސަލާމަތީ އިންތިޒާމުތަކާ ގުޅޭގޮތުން ލިޔުމުން އެއްބަސްވުންތަކަކަށް އާދެވުނު ނަމަވެސް، ފަހުން އުފެދުނު ހަމަލާތަކާ ގުޅިގެން ވާހަކަތައް މަޑުޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން މިޑްލް އީސްޓް އިންސްޓިޓިއުޓްގެ ސިޔާސީ އެނަލިސްޓް ޙަސަން މްނައިމްނާ އަލްޖަޒީރާއަށް ވިދާޅުވީ، "މަސްރަޙު ފިނިކުރުމުގެ އެދުން ސީރިޔާއިން ފާޅުކޮށްފައިވާތީ، ތުރުކީގެ ނުފޫޒު ފުޅާވުމާ ދެކޮޅަށް އިސްރާއީލުން އިތުރު ޝަރުޠުތައް ކުރިމަތިކުރުވުމުގެ ފުރުޞަތު ބޮޑު" ކަމަށެވެ. އަދި ސީރިޔާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިސްރާއީލާއި ތުރުކީގެ ކުރިމަތިލުމެއްގެ މައިދާނަކަށް ސީރިޔާ ވެގެން ދިޔުން ހުއްޓުވުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ
މި ލިޔުން ކިޔާލުމުން



