މި އިސްލާހާއެކު، ވިޔަފާރިތަކުން ދޫކުރާ ވަކިވަކި ކޮތަޅުން 2 ރުފިޔާގެ ފީއެއް ނެގި ނަމަވެސް، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވިއްކާއިރު އެ ފީ ނެގުމުން އިސްތިސްނާވާނެއެވެ. މިއީ ކުރިން ދިމާވި ޑަބަލް ޓެކްސްގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ގެނައި ބަދަލެކެވެ.
މީގެއިތުރުން، މި ގާނޫނުގެ ދަށުން ކުނި މެނޭޖުކުރާ ނިޒާމުތަކުގެ މިންގަނޑުތައް ކަނޑައެޅުމާއި، ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކުނި މެނޭޖުކުރާ ފަރާތްތައް ޖޫރިމަނާކުރުމުގެ ގަވާއިދު ހެދުމުގެ ބާރު އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ވަނީ ދީފައެވެ. އަދި އިންޑަސްޓްރިއަލް ސަރަހައްދުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރާކަން ކަށަވަރުކުރުމާއި، ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ޒިންމާ މަތިކޮށްފައިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއެވެ.
އާ އިސްލާހުގެ ދަށުން ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެތެރެކުރުމަކީ މަނާކަމެކެވެ. އަދި ހާއްސަ ހުއްދައެއް ނެތި ނުރައްކާތެރި ކުނި ވިއްކުމާއި، ބޭނުންކުރުމާއި، ޑިސްޓްރިބިއުޓް ކުރުންވެސް ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު މި ގާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، މިއާ ގުޅޭ ގަވާއިދުތައް 30 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހެއެވެ.






