އިރާގު ސަރުކާރުން ތަކުރާރުކޮށް އެދުމާ ގުޅިގެން، އެ ގައުމުގެ ބައެއް ތެޔޮ ޓޭންކަރުތަކަށް ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދީފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިރްނާ އިން ރިޕޯޓްކޮށްފިއެވެ. މި ހުއްދައަކީ އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް އިރާގަށް ކުރެއްވި ދަތުރުފުޅުގައި އިރާގުން އެންމެ ބޮޑަށް އެދުނު އެއް ކަންތަކެވެ.
ބަޣުދާދު ޑައިލޮގް ޕޮލިސީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން އިރާގުގެ ރައީސް ނިޒާރު އާމިދީ ވިދާޅުވީ، ފަހަކަށް އައިސް އީރާނުން އިރާގުގެ ތެޔޮ އުޅަނދުތައް ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި އެ މަގުން ތެޔޮ ބޭރުކުރުމާ ގުޅޭގޮތުން އީރާނުގެ އޮފިޝަލުންނާ މަޝްވަރާކޮށްފައިވާ ނަމަވެސް، މި މައްސަލަ އަދިވެސް އޮތީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އީރާނުން ހޮރްމުޒް ކަނޑުއޮޅި އަމަލީ ގޮތުން ބަންދުކޮށްލުމާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިރާގު ހިމެނެއެވެ. އެ ކަނޑުއޮޅީގެ ދަތުރުފަތުރުގެ މިންވަރު އަދިވެސް ހުރީ ހަނގުރާމައިގެ ކުރީގެ މިންވަރަށް ވުރެ ވަރަށް ބޮޑަށް ދަށުގައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތަކަށް ހަމަލާތައް ކުރިމަތިވަމުންދާއިރު، ހަނގުރާމަ ފެށުމުގެ ކުރިން އިރާގުން ދިޔައީ ދުވާލަކު ގާތްގަނޑަކަށް 4 މިލިއަން ފީފާ ތެޔޮ އުފައްދަމުންނެވެ.
އިރާގުގެ ތެޔޮ ބޭރުކުރުމަށް އިތުރު މަގުތައް ހޯދުމުގެ ގޮތުން، ތުރުކީގެ ޖޭހާން ބަނދަރު މެދުވެރިކޮށް ތެޔޮ ބޭރުކުރާ މިންވަރު އިތުރުކުރުމަށާއި، ސީރިއާގެ ބަނިޔާސް އަދި އުރުދުންގެ އަޤަބާ ބަނދަރު މެދުވެރިކޮށް ތެޔޮ ބޭރުކުރުމުގެ މަސައްކަތް ބަޣުދާދުން ކުރަމުންދާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީ ވިދާޅުވެއްޖެއެވެ.
މި ލިޔުން ކިޔާލުމުން



