Thursday, November 5
ސިވިލް ކޯޓުގެ ޤާޟީ އިޙްސާން ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި: ޖޭއެސްސީ

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ޤާޟީ ޢަބްދުﷲ އިޙްސާން މަސައްކަތުން ދުރުކުރުމަށް ނިންމެވީ އެ ކޮމިޝަނަށް ހުށަހެޅި ތަޙްޤީޤުކުރަމުންދާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މި ނިންމުން ނިންމާފައިވަނީ ކޮމިޝަނުގެ ތަޙްޤީޤީ އިޖުރާޢަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ކަށަވަރުކޮށް، ޤާޟީ އިޙްސާންގެ ބަޔާން ނެގުމުގެ އިތުރުން ތަޙްޤީޤަށް ބޭނުންވާ އެހެން ފަރާތްތަކުގެ ބަސްވެސް ހޯދުމަށްފަހުގައި ކަމަށެވެ.

ޖޭއެސްސީން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ބާވަތަށާއި ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޤާޟީ އިޙްސާން މަސައްކަތުގައި ދެމިހުންނަވައިފިނަމަ މައްސަލައިގެ ތަޙުޤީޤަށް ހުރަސްއެޅިދާނެ ކަމަށް ފެންނާތީއާއި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ ގޮތުން އޭނާ މަޤާމުގެ މަސައްކަތުން އެކަހެރިކުރަން ވަނީ ފެނިފައެވެ.

މި ނިންމުން ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) އަށް ރިޢާޔަތްކޮށް، އެ ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، އިއްޔެއިން ފެށިގެން ވަގުތީގޮތުން 60 ދުވަހުގެ މުއްދަތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު