ޤައުމެއްގެ ކުޑަމިނަކީ އެ ޤައުމެއްގެ އަޚްލާޤީ ޒިންމާތަކުން ބަރީޢަވާންޖެހޭ ސަބަބެއް ނޫންކަން ފާހަގަކުރައްވައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނުރައްކާތެރި ޙާލަތްތަކުގައި ތިބެގެން މުޅި އިންސާނިއްޔަތަށް ޚިދުމަތްކުރަމުންދާ އިންސާނީ އެހީތެރިންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރެއްވިއެވެ. އަދި ހަނގުރާމަތަކާއި، މޫސުމީ ކާރިސާތަކާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން ދުނިޔޭގައި އިންސާނީ އެހީއަށް ބޭނުންވާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ.
ޚާއްޞަކޮށް، މިއަދު އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެންމެ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވަނީ ޣައްޒާގައިކަން ފާހަގަކުރައްވަމުން، އެހީއަށް ހުރަސްއެޅުމާއި، ޙިޞާރުކުރުމާއި، އެހީތެރިންނަށް ޙަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ނުރައްކާތެރި ޖަރީމާތަކެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އެމަނިކުފާނު ވަނީ މި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމަ މިހިނދުން މިހިނދަށް ދާއިމީގޮތެއްގައި ހުއްޓާލުމަށް ގޮވާލައްވާފައެވެ.
މީގެއިތުރުން، ހަތަރުވަނަ ޖެނީވާ މުޢާހަދާގެ ބައިވެރިއެއްގެ ޙައިސިއްޔަތުން، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ޢާންމުންނާއި އިންސާނީ އެހީތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އިންސާނިއްޔަތުކަމުގެ ޚިދުމަތުގައި ފުރާނައިން ޤުރުބާންވި ފަރާތްތަކުގެ ޒިކުރާ އާކުރައްވައި، އެފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މަސްއޫލިއްޔަތެއްކަމަށް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަސް ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ނުރައްކާތެރި ޙާލަތްތަކުގައި އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ އިންސާނީ އެހީތެރިންގެ އަގުވަޒަންކުރުމާއި، އެ ޚިދުމަތުގައި ޝަހީދުވާ ފަރާތްތަކުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.



