Monday, October 12
ސަޢޫދީއަށް ދެމުންދާ ހަމަލާތަކުން ދިވެހި ޢުމްރާވެރިންނަށް ނުރައްކަލެއް ނެތް: މިނިސްޓަރު ޝަހީމް

ސަޢޫދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދިވެހި ޢުމްރާވެރިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުފެންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރިޔާޒުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި ސަޢޫދީ ޢަރަބިއްޔާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައި، އިސްލާމީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިފަދަ ޙާލަތެއްގައި ޢުމްރާއަށް މީހުން ގެންދިއުމުގައި އިސްކަންދެއްވާނީ ސަޢޫދީ ސަރުކާރުން ނެރޭ ބަޔާންތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޢުމްރާއަށް ދިއުމުގައި ނުރައްކަލެއް އޮތް ކަމަށް ސަޢޫދީ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަޢޫދީ ޢަރަބިއްޔާއަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިސްލާމީ އުންމަތަށް ލިބޭ ގެއްލުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމާ މެދު ދިވެހިރާއްޖެއިން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އިލްތިމާސްކުރަނީ، ސައޫދީ އަރަބިއްޔާއަށާއި، މާތްވެގެންވާ ދެ ހަރަމަށް ދުއާކުރުން މަތީ ދެމިތިބުމަށް. އެއީ އަޅުގަނޑުމެންދެކެ ލޯބިވާ، އަދި އަޅުގަނޑުމެން ޒިޔާރަތްކުރަންޖެހޭ މާތް ބިމެއް. އިންޝާﷲ، އުމްރާވެރިންނަށް އެއްވެސް ނުރައްކަލެއް އޮތްކަމުގެ ކަންބޮޑުވުމެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އަންގާފައެއް ނެތް. އަދި ކުރިއަށް އޮތްތާވެސް މިފަދަ ކަންބޮޑުވުމެއް ނޯންނާނެ ކަމަށް އުންމީދުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިވަގުތު ކޯޕަރޭޝަނުގެ އެއްވެސް ޢުމްރާވެރިއަކު ސަޢޫދީ ޢަރަބިއްޔާގައި ނެތް ކަމަށެވެ.

ޙައްޖު ކޯޕަރޭޝަނުން ޢުމްރާއަށް މީހުން ގެންދިއުމަށް ބޭނުންކުރާ މަގުތައް ތަފާތުވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ޢުމްރާގެ އެންމެހައި ކަންކަމުގައި ކޯޕަރޭޝަނުން ޢަމަލުކުރަމުން އަންނަނީ ސަރުކާރުން ދެއްވާ އިރުޝާދާ އެއްގޮތަށް ކަމަށާއި، މިހާތަނަށް އެފަދަ އެއްވެސް ޚާއްޞަ އިރުޝާދެއް ލިބިފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު