Tuesday, October 13
ގާފަރުން ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ވިޔަފާރިއަށް ބިން ދޫކުރަނީ

ކ. ގާފަރު - ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއަރ

ކ. ގާފަރުގައި ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން، ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ހިންގުމަށް 50 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލްގެ އިދާރާއިން ފުރުޞަތު ހުޅުވާލައިފިއެވެ.

ގާފަރު ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު އަދި ކުންފުނީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި މަޝްރޫޢަކީ ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ހުޅުވާލެވުނު ފުރުޞަތެކެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހަޅާނެ ފޯމެޓް ހިމެނޭ "ބީލަން ފޮތް" ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތެއްގެ އަގަކީ -/2،000 (ދެހާސް) ރުފިޔާއެވެ. ބީލަން ފޮތް ބައްލަވައިގަތުމަށް ބޭނުންވާ ފަރާތްތަކުން، "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ފައިސާ ދެއްކި ސްލިޕާއެކު ކައުންސިލަށް އީމެއިލްކުރަން ޖެހެއެވެ. ބީލަން ފޮތް ވިއްކުން ކުރިއަށްދާނީ 2026 އޮގަސްޓް 26 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

ބީލަމާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2026 އޮގަސްޓް 30 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި ގާފަރު ކައުންސިލް އިދާރާގައި އޮންނާނެއެވެ. އަދި ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 2026 ސެޕްޓެމްބަރ 02 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ކައުންސިލުން އެދެއެވެ.

މި މަޝްރޫޢުގެ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ސެޕްޓެމްބަރ 07 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި ގާފަރު ކައުންސިލް އިދާރާގައެވެ. ގާފަރު ކައުންސިލުން ވަނީ މި ވިޔަފާރިއަށް ޝައުޤުވެރިވާ ވީހާވެސް ގިނަ ފަރާތްތަކަކުން ބީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު