Tuesday, October 13
އެމްއެމްއޭގެ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި އިޝްތިހާރުކުރުން ކުށަކަށް ހަދަން ކޮމިޓީން ފާސްކޮށްފި

19 އޮގަސްޓު 2026: މާލިއްޔަތު ކޮމިޓީގެ 19 ވަނަ ބައްދަލުވުން - ފޮޓޯ: މަޖިލިސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާ ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ ވިއްކުމާއި، ކަޅުބާޒާރުގައި ޑޮލަރު މާރުކުރުމަށް އިޝްތިހާރުކުރުމަކީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ ކުށެއް ކަމަށް ކަނޑައަޅައި، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެންނަ އިސްލާޙުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާޙުތައް ބިލުގައި ހިމެނުމަށް ފާސްކުރީ، ސަރުކާރުގެ ފަރާތުން ހުށަހެޅި ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުގެ ތަޅުމުން އަނބުރާ ކޮމިޓީއަށް ފޮނުވާލުމާ ގުޅިގެން، ކޮމިޓީން އެ ބިލު އަލުން ދިރާސާކުރުމަށްފަހު ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލަށް އިތުރު އިސްލާޙުތައް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ.

މެންބަރު މަމްދޫޙު ހުށަހެޅުއްވި އިސްލާޙުގައިވާ ގޮތުން، އެމްއެމްއޭއިން ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި އެއްވެސް ވަސީލަތެއް މެދުވެރިކޮށް ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ މަނާކަމެކެވެ. އަދި މިފަދަ ޢަމަލެއް ހިންގައިފިނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، އެމްއެމްއޭގެ ރޭޓަށްވުރެ މަތީ އަގުގައި ޑޮލަރު ގަނެވިއްކުމަށް އެއްވެސް ޑިޖިޓަލް ޕްލެޓްފޯމެއްގައި ނުވަތަ ވަސީލަތެއްގައި އިޝްތިހާރު ކުރުމާއި، އެކަމަށް ހިތްވަރު ދިނުމާއި މައުލޫމާތު ފެތުރުމަކީވެސް ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިފަދަ އިޝްތިހާރެއް ކޮށްފިނަމަ 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ޤާނޫނާ ޚިލާފަށް ޑޮލަރުގެ މުއާމަލާތް ކުރުމުގައާއި އިޝްތިހާރު ކުރުމުގައި ކުންފުންޏެއް ނުވަތަ ޤާނޫނީ ޝަޚުސެއް ޝާމިލުވާނަމަ، 100،000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކަޅުބާޒާރު ހުއްޓުވުމަށް ގާނޫނަށް ހަރުދަނާ ބާރުތަކެއް ގެނައުމުގެ އިތުރުން، ސަރުކާރުން ހުށަހެޅި މައިގަނޑު ބިލުގައި ވަނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ޑޮލަރު ޖަމާކުރުމާއި މާރުކުރުމުގެ މިންގަނޑުތަކެއްވެސް ކަނޑައަޅާފައެވެ. އެގޮތުން، ފާއިތުވި އަހަރު ބޭރު ފައިސާއިން މަދުވެގެން 25 މިލިއަން ޑޮލަރަށްވުރެ މަތިން އާމްދަނީ ލިބުނު ފަރާތްތަކާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން، ލިބޭ ބޭރު ފައިސާ އެމްއެމްއޭއިން ލައިސަންސް ދީފައިވާ ބޭންކަކަށް ޖަމާކުރުން ވަނީ ލާޒިމުކޮށްފައެވެ. ހަމައެއާއެކު، ކެޓަގަރީ-އޭ ގެ ޓޫރިޒަމް ވިޔަފާރިތަކަށް ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %20 ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

މި އިސްލާޙުތަކާއެކު ބޭރު ފައިސާއާ ބެހޭ ބިލު މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާއިރު، ދެން މި ބިލަށް ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު