Tuesday, October 13
ކެނެޑާއިން ނަގަން އުޅުނު ޓެރިފް ޓްރަމްޕް ފަސްކުރައްވައިފި

ކެނެޑާގެ މުދަލުން ނަގަން އުޅުނު 50 އިންސައްތައިގެ ބޮޑު ޓެރިފް ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކުރުމަށް އެމެރިކާއާއި ކެނެޑާއިން އެއްބަސްވެއްޖެއެވެ. ސުންގަޑި ހަމަވާން ކައިރިވެފައި ވަނިކޮށް ވެވުނު މި އެއްބަސްވުމުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި އުފެދެން އުޅުނު ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ކަންބޮޑުވެފައި ތިބި އެކްސްޕޯޓަރުންނަށް ވަނީ ވަގުތީ ލުޔެއް ލިބިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ނިންމެވުން އިއުލާނުކުރެއްވިއިރު، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ އޮގަސްޓް 22 ގެ ނިޔަލަށް ޓެރިފްތައް މެދުކަނޑާލަން އެމެރިކާއިން އެއްބަސްވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ފަހު ވަގުތު މި އެއްބަސްވުމަކަށް އާދެވުނީ ނުތަނަވަސްކަމާއެކު ދެމިގެންދިޔަ ހަފްތާތަކެއްގެ ވިޔަފާރީގެ މަޝްވަރާތަކަށްފަހު، ދެ ލީޑަރުން ބޭއްވެވި ބައްދަލުވުމެއްގައެވެ.

ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ދެފަރާތުން "ލިޔެކިޔުންތައް ފައިނަލްކުރުމަށްޓަކައި" އެއްބަސްވުމަކަށް އާދެވުމާ ގުޅިގެން، ތިން ދުވަހުގެ މުއްދަތަށް ޓެރިފްތައް މަޑުޖައްސާލުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. އެއްބަސްވުމުގެ ތަފްސީލު އެއްވެސް ލީޑަރަކު ހާމަނުކުރެއްވި ނަމަވެސް، ޓްރަމްޕް ވަނީ މިއީ ކުރީގެ ރައީސް ޖޯ ބައިޑަން ހުއްޓުވާލެއްވި ކީސްޓޯން އެކްސް.އެލް ޕައިޕްލައިން އަލުން ފެށުމަށް ކުރައްވާ މަސައްކަތްޕުޅާ ގުޅުންހުރި ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ "ނިދިބުރަވެފައިވާ ޖޯ ބައިޑަން މާކުރިން ނައްތާލި މުހިންމު ކީސްޓޯން އެކްސް.އެލް ޕައިޕްލައިން އަލުން އަނބުރާ ދިރުވިދާނެ!" ކަމަށެވެ.

މި މަޝްވަރާތަކާ ގުޅިގެން ކާނީ ވިދާޅުވީ ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް، އަދިވެސް މުހިންމު މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. ކާނީގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ "މި މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާއިރު، ކެނެޑާގެ އަމާޒަކީ ގައުމުގެ އެތެރޭގައި މާ ވަރުގަދަ، މާ މިނިވަން، އަދި މާ ވާދަވެރި އިގްތިސާދެއް ބިނާކުރުން" ކަމަށެވެ. މި ޓެރިފްތައް ތަންފީޒުކުރިނަމަ، ކެނެޑާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ ގާތްގަނޑަކަށް 20.2 ބިލިއަން ޑޮލަރުގެ މުދަލަށް، އޭގެ ތެރޭގައި އިލެކްޓްރޯނިކްސް، ސިނާއީ މެޝިނަރީ، ފަރުނީޗަރު، ކިރުގެ އުފެއްދުންތައް އަދި ވައިން ހިމެނޭހެން ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.

ކެނެޑާގެ އެކްސްޕޯޓުގެ ގާތްގަނޑަކަށް 70 އިންސައްތަ އެމެރިކާއަށް ބަރޯސާވެފައިވާއިރު، މި ޓެރިފްތަކަކީ ޔޫއެސްއެމްސީއޭ އެއްބަސްވުމުގެ ދަށުން ޑިއުޓީ ނުނަގާ ގޮތަށް ހަމަޖެހިފައިވާ މުދަލަށް ވެސް އަމާޒުކޮށްފައިވާ ފިޔަވަޅުތަކެކެވެ. މަޝްވަރާތައް ނާޒުކުވެގެން ދިޔައީ ކެނެޑާގެ ޕްރޮވިންސްތަކުން އެމެރިކާގެ ބަނގުރާ ވިއްކުން ހުއްޓުވާފައިވުމާއި، ކެނެޑާގެ ސަޕްލައި މެނޭޖްމަންޓް ސިސްޓަމަށް ލުއި ދިނުމަށް ޕްރޮވިންސްތަކުގެ ވެރިން ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.

ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާގެ ލެކްޗަރާ ސްޓެވާޓް ޕްރެސްޓް ވިދާޅުވީ، ކެނެޑާގެ ރައްޔިތުން ވިޔަފާރީގެ ގެއްލުންތަކާ މެދު ކަންބޮޑުވި ނަމަވެސް ގައުމީ ސިޔާދަތު ދިފާއުކުރުމުގެ ރޫހު ވަރުގަދަ ކަމަށެވެ. އަދި އައިވީ ބިޒްނަސް ސްކޫލްގެ ޕްރޮފެސަރު އެންޑްރިއާސް ޝޮޓާ ފާހަގަކުރެއްވި ގޮތުގައި، ހުކުރު ދުވަހާ ހަމައަށް ދާއިރު އަސްލު ދާއިމީ އެއްބަސްވުމަކަށް ދެވޭތޯ ނުވަތަ އަނެއްކާވެސް ޓެރިފްގެ ނުރައްކަލާ ކުރިމަތިލާންޖެހޭތޯ ބެލުން މުހިންމު ވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު