ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓަ ފެތުމުގެ މުބާރާތް ކަމަށްވާ "ދިރާގު މާލޭ އޯޕަން" ގެ ރޭސް ކިޓްތައް ދިރާގު ހެޑް އޮފީހުގައި ކުރިއަށްދާ 'ޑީއެމްއޯ އެކްސްޕޯ' ގައި މިއަދުން ފެށިގެން ދޫކުރަން ވަނީ ފަށާފައެވެ. ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ރޭސް ކިޓް ދޫކުރުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ކިޓް ދޫކުރުމުގެ ގަޑިތައް:
- އޮގަސްޓް 18 (މިއަދު): 17:00 އިން 22:00 އަށް
- އޮގަސްޓް 19: 14:00 އިން 19:00 އަށް
- އޮގަސްޓް 20: 09:00 އިން 14:00 އަށް
މުބާރާތުގެ ރަސްމީ ޓީޝާޓާއި ސްވިމް ކެޕް ހިމެނޭ މި ރޭސް ކިޓްތައް ދޫކުރުމަށްފަހު، 'ސްވިމް މޯލްޑިވްސް' އިން އިންތިޒާމުކުރާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 21 އަދި 22 ގައި މާލޭގެ ރަސްފަންނު ސަރަހައްދުގައެވެ. މި މުބާރާތުގެ މައިގަނޑު މަގުސަދަކީ އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މި އަހަރުގެ މުބާރާތުގައި 1 ކިލޯމީޓަރު، 500 މީޓަރު އަދި 250 މީޓަރުގެ ކެޓެގަރީތަކުގެ އިތުރުން، އާއިލާއާއި ރައްޓެހިންނަށް އެކުގައި ބައިވެރިވެވޭނެހެން އަލަށް ތައާރަފްކުރި 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީވެސް ހިމެނެއެވެ. އިޖުތިމާއީ ގުޅުން ބަދަހިކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ދިރާގުން އަންނަނީ މިފަދަ ހަރަކާތްތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.



