Tuesday, October 13
މަޖިލީހުގެ ދައުރު އޮގަސްޓު 27 ގެ ނިޔަލަށް ދަންމާލައިފި

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށް، މި އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ. އެގޮތަށް ހުށަހެޅުއްވި ސަބަބު ބަޔާންކުރައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ދައުރު ދަންމާލަން ނިންމެވީ މި ދައުރުގެ ތެރޭގައި ނިންމަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމުންނާއި، މަޖިލީހުގެ ކޮމިޓީތަކުގައިވެސް ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން އެ މަސައްކަތްތައް ނިންމުމުގެ ބޭނުމުގައި ކަމަށެވެ. މި ހުށަހެޅުން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަޖިލީހުގެ ގަވާއިދު ބަޔާންކުރާގޮތުން، ކޮންމެ އަހަރަކުވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދައުރު ފެބުރުވަރީ 1 އިން މެއި 15 އަށް ކުރިއަށްދާއިރު، ދެވަނަ ދައުރު ކުރިއަށްދަނީ ޖޫން 1 އިން އޮގަސްޓު 15 ގެ ނިޔަލަށެވެ. އަދި އަހަރުގެ ފަހު ދައުރު ނުވަތަ ތިންވަނަ ދައުރު ކުރިއަށްދާނީ އޮކްޓޫބަރު 1 އިން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން، ދައުރު ހަމަވާ ތާރީޚު އައި ނަމަވެސް، މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މަސައްކަތްތަކެއް ނުނިމި ހުރެއްޖެ ހާލަތެއްގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ދައުރުގެ މުއްދަތު އިތުރުކުރުމުގެ އިޚުތިޔާރު މަޖިލީހަށް ލިބިގެންވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު