Tuesday, October 13
އެއް މައްސަލައެއްގައި ރިޕީޓްކޮށް ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ފާސްކޮށްފި

އެއް މައްސަލައެއްގައި ތަކުރާރުކޮށް ނުވަތަ ރިޕީޓްކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި މި އިސްލާޙު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާޙާ ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާޙު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. މެންބަރު މަމްދޫޙު ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދުގެ 257-1 ވަނަ މާއްދާގެ (ޅ) އުނިކުރުމަށެވެ. އެ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވަނީ މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް އެދި ޕެޓިޝަނެއް ހުށަނޭޅޭނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލަ އިއްޔެ މަޖިލީހުގެ ޢާންމު ކޮމިޓީއަށް ފޮނުވުމުން، ކޮމިޓީން ވަނީ އެ މާއްދާ އުނިކުރުމަށް ފާސްކޮށް ތަޅުމަށް ފޮނުވާފައެވެ. އަދި މިއަދު ތަޅުމުގައި ބަހުސްކުރުމަށްފަހު ވަނީ ފާސްކޮށްފައެވެ.

މި އިސްލާޙު މަޖިލީހަށް ހުށަހަޅާފައި މިވަނީ، ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކަށް ބިން ވަކިކުރަން ބޭނުންވާ ޙާލަތްތަކުގައި، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞުން ބިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙާ ގުޅިގެންނެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލު އޮތް ގޮތަށް ކުރިއަށް ގެންދަން ތާއީދުކޮށް، ސ. މީދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝާތިރު އިސްވެ ހުށަހެޅުއްވި ޕެޓިޝަނަށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ލާޒިމުވާ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން އޮޅުމަކުން ކޮމިޓީއަށް ފޮނުވިފައިވާތީ، އެ މައްސަލައިގައި އިތުރު ޕެޓިޝަނެއް ހުށަހެޅުމުގެ ފުރުޞަތު ހޯދުމަކީ މި ބަދަލު ގެނައުމުގެ މައިގަނޑު އެއް ބޭނުން ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ކައުންސިލްތަކުގެ ބިންތައް ދައުލަތަށް ނެގޭ ގޮތަށް ގެންނަ އިސްލާޙާ ދެކޮޅަށް، އެ އިސްލާޙު އަނބުރާ ގެންދިއުމަށް ގޮވާލައި 2،300 އަށްވުރެ ގިނަ މީހުން ސޮއިކޮށް މަޖިލީހަށް ވަނީ ޚާއްޞަ ޕެޓިޝަނެއް ހުށަހަޅާފައެވެ. މި އަދަދަށް ސޮއި ހަމަވުމުން، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި އެކަމާމެދު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުން ލާޒިމުވާނެއެވެ.

މިއަދު ގެނެވުނު އިސްލާޙާއެކު، އެއް މައުޟޫޢަކަށް ނުވަތަ އެއް ކަމަކަށް ތަކުރާރުކޮށް މަޖިލީހަށް ޕެޓިޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެގެން ގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު