Tuesday, October 13
ސައިބަރ ކުށްތަކުގެ ފަސްޓް ރެސްޕޮންޑަރސް އަށް ހިންގި ތަމްރީން ނިންމާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން އިންތިޒާމުކޮށްގެން، ސައިބަރ ކުށްތަކާ ގުޅިގެން އެންމެ ފުރަތަމަ ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "ފަސްޓް ރެސްޕޮންޑަރސް ފޮލޮވިންގ އަ ސައިބަރ ކްރައިމް" މަސައްކަތު ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 އޮގަސްޓް 17 ވަނަ ދުވަހުއެވެ. މިއީ ޑިޖިޓަލް ހެކި ރައްކާތެރިކުރުމާއި، ސައިބަރ ކުށްތަކާ ގުޅިގެން އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ފުލުހުންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ 43 އޮފިސަރަކު ބައިވެރިކޮށްގެން ހިންގުނު ޕްރޮގްރާމެކެވެ.

މި ތަމްރީނު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަތީހެވެ. މި ރަސްމިއްޔާތުގައި ހެޑް އޮފް ސައިބަރ ކްރައިމް އެންޑް ސައިބަރ ސެކިއުރިޓީ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ސަމީހް އާއި ޑިޖިޓަލް ޑޭޓާގެ ޑެޕިއުޓީ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަހުދީ ޝިހާދު މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ސަމީހް ވަނީ، ސައިބަރ ކުށުގެ މާހައުލު ރައްކާތެރިކުރުމުގައާއި، ހެކިތަކުގެ "ޗެއިން އޮފް ކަސްޓަޑީ" ދެމެހެއްޓުމުގައި އަދި ތަހުގީގުގެ ފުރަތަމަ މަރުހަލާގައި ހަރަކާތްތެރިވާ އޮފިސަރުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، ޑިޖިޓަލް ނުރައްކާތައް އިތުރުވަމުންދާ މިންވަރަށް ބަލާއިރު، ޑިޖިޓަލް ހެކިތައް އެއްވެސް އުނިކަމެއް ނެތި ޝަރީއަތަށް ހުށަހެޅޭ ފަދަ ގޮތަކަށް ރައްކާތެރިކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާ އޮފިސަރުންގެ ދައުރު ދުވަހުން ދުވަހަށް ބޮޑުވަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ސައިބަރ ކުށުގެ މާހައުލުތަކުގައި އަމަލުކުރާނެ ގޮތްތަކާއި، ފަސޭހައިން ގެއްލިދާނެ ފަދަ ޑިޖިޓަލް ހެކިތައް ވަގުތުން ދެނެގަނެ ރައްކާތެރިކުރާނެ އުސޫލުތަކެވެ. ހަމައެއާއެކު، ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ) ތަކާއި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު