Tuesday, October 13
އެމެރިކާގެ އެއްގަމު އޮޕަރޭޝަންތަކަށް ތައްޔާރަށް އޮތްކަމުގެ އިޝާރާތެއް އީރާނުން ދީފި

ހޮރްމޫޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދަކަށް ހަދާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެމެރިކާއިން ދީފާނެ ހަމަލާތަކަށް ތައްޔާރަށް އޮތް ކަމަށާއި އީރާނުގެ ދިފާއީ ސިޔާސަތު އިސްނަގައިގެން ހަމަލާދޭ އުސޫލަކަށް ބަދަލުކޮށްފާނެ ކަމުގެ އިންޒާރު އެ ގައުމުން ދީފިއެވެ. އައިއާރްޖީސީގެ ސިޔާސީ ބިއުރޯގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޔަދުﷲ ޖަވާނީ ވިދާޅުވީ ގައުމު ދިފާއުކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް އެ ލަޝްކަރު ތައްޔާރަށް އޮތް ކަމަށާއި، ދުޝްމަނުން އިސްތިރާތީޖީ ކުއްލި ސިހުންތަކަކަށް އިންތިޒާރު ކުރަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާއިން އީރާނުގެ އާންމު އިންފްރާސްޓްރަކްޗަރަށް ހަމަލާދީފިނަމަ، އެމެރިކާއާއި އެ ސަރަހައްދީ ބައިވެރިންގެ ހަކަތަ ފޯރުކޮށްދޭ ވިއުގަތަކާއި، އިންޖީނުގެތަކުގެ އިތުރުން އިންޓަނެޓް ނިޒާމުތަކަށް ހަމަލާދޭނެ ކަމަށް ވެސް އައިއާރްޖީސީން ވަނީ އިންޒާރު ދީފައެވެ.

އެމެރިކާއާ ދެކޮޅަށް ހަމަލާދީގެން ދިފާއުވުމަށް އީރާނުން އިސްކަންދޭން ފަށާފައި މިވަނީ، ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ އަސްކަރީ އަދި ސަލާމަތީ މުހިންމު މަގާމުތަކަށް ބަދަލުތަކެއް ގެންނަވައި ބާރުތައް ވަރުގަދަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން އައިއާރްޖީސީގެ ކޮމާންޑާ އިން ޗީފްގެ މަގާމަށް އައްޔަންކުރެއްވި މޭޖާ ޖެނެރަލް އަހުމަދު ވަހީދީ ވަނީ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރަށް ތިބިކަން ހާމަކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އީރާނުގެ ސިފައިންގެ ވެރިޔާ އާމިރު ހާތަމީ ވަނީ އެ ގައުމުގެ ފަސްގަނޑުގައި ހިންގާ އެއްގަމު އޮޕަރޭޝަނެއްގައި ބައިވެރިވާ އެމެރިކާ ސިފައިންގެ މީހަކު މަރާލައިފި ނުވަތަ ހައްޔަރުކޮށްފި ފިރިހެނަކަށް 30،000 ޑޮލަރު އަދި އަންހެނަކަށް އޭގެ ދެގުނަ އިނާމެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރިޒާއީ ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅިއަށް ސިފައިން ބޭލުމަކީ ކުޑަ ލަޝްކަރަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް އެކަށީގެންވާ ތައްޔާރީތައް އެމެރިކާއަށް ވެވިފައި ނެތް ކަމަށެވެ.

އީރާނުން މިހާރު ވަނީ ޚާރްގް ރަށުގައި ހުރި ތެޔޮ އެކްސްޕޯޓްކުރާ ޓާމިނަލްތަކާއި، ހޮރްމުޒް ކަނޑުއޮޅި ވަށައިގެންވާ އައްސޭރިފަށުގެ ސަރަހައްދުތަކުގެ ދިފާއީ ކަންކަން ޚާއްސަ ފައުޖުތަކުން ވަރުގަދަކޮށްފައެވެ. އަސްކަރިއްޔާގެ ތަރުޖަމާނު މުހައްމަދު-ރިޒާ އަކްރަމީނިއާ ވިދާޅުވީ ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު އީރާނުގެ ބިމަށް ފައިބައިފިނަމަ އެ ބަޔަކަށް ވަގުތުން ހަމަލާދޭނެ ކަމަށެވެ. މީގެއިތުރުން ހުޅަނގާއި އިރުމަތީ ބޯޑަރު ސަރަހައްދުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވެސް އީރާނުން މިހާރު ވަނީ ވަރުގަދަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު