އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަމާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެދިވަޑައިގަންނަވާ ފަދަ އެއްބަސްވުމަކަށް އީރާނުން ނާންނާނެ ކަމަށާއި، ދެ ޤައުމުގެ މަޝްވަރާތައް ހުއްޓިފައިވާތީ އީރާނުން ޖެހޭނީ އަމާންދޭން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އޯވަލް އޮފީހުގައި ވާހަކަދައްކަވަމުން ޓްރަމްޕް ފާހަގަކުރެއްވީ އެމެރިކާގެ މައިގަނޑު މަޤްޞަދަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަނުދިނުން ކަމަށެވެ. މީގެ އިތުރުން، އީރާނާއެކު ވެފައިވާ ވަގުތީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައްވެސް އެމަނިކުފާނު ވަނީ ދޮގުކުރައްވާފައެވެ.
މީގެ ކުރިން ޖޫން މަހު އެއްބަސްވި ވަގުތީ އެއްބަސްވުމުގައި އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އެއްބަސްވުން ވަނީ ވަރަށް އަވަހަށް ރޫޅިފައެވެ. އެ ފަހުމުނާމާގެ ދަށުން ދާއިމީ އެއްބަސްވުމަކަށް އައުމަށް އެއްބަސްވި 60 ދުވަހުގެ މުއްދަތު ހޯމަ ދުވަހަށް ހަމަވެފައިވާއިރު، ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އީރާނުން "އަމާންދިނުމުގެ ހުދު ދިދަ ނަގަންޖެހޭ" ކަމަށް ވިދާޅުވެފައެވެ.
ހޮރުމުޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުފަހަރު ދަތުރުފަތުރު ކުރުން އަލުން ފެށުމާ ގުޅޭގޮތުން އޮމާނާއި އީރާނުން ވަކިން މަޝްވަރާތައް ކުރަމުންދާއިރު، ޓްރަމްޕް ވަނީ އޮމާނަށްވެސް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. "އޮމާނުން އަޅުގަނޑުމެންގެ މަގަށް ހުރަސްއަޅައިފިނަމަ، އަޅުގަނޑުމެން އެމީހުން ފުނޑުފުނޑުވާ ވަރަށް ބޮންއަޅާނަން،" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް ފަހުން އޯވަލް އޮފީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެހެން ކަންކަންވެސް ހައްލުކުރާ ފަދައިން އޮމާނާ ވަރަށް ފަސޭހައިން މުއާމަލާތުކޮށް ކަންކަން ހަމަޖައްސަވާނެ ކަމަށެވެ.
ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާއިރު، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ގުޅިގެން ޓްރަމްޕަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. އެހެންނަމަވެސް، މިޑްޓާމް އިންތިޚާބުގެ ސަބަބުން އީރާނާ މެދު ގެންގުޅުއްވާ ސްޓްރެޓެޖީއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، އެންމެ މުހިންމު ލަނޑުދަނޑިއަކީ އީރާނަށް ނިއުކްލިއާ ހަތިޔާރެއް ލިބުނަ ނުދިނުން ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.



