ރޮއިޓާސް އަދި އިޕްސޮސް ގުޅިގެން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އޮތް ތާއީދު އޭނާގެ ރިޔާސީ ދައުރުގެ އެންމެ ދަށް މިންވަރަށް ވަނީ ވެއްޓިފައެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ސާވޭގެ ނަތީޖާ ދައްކާ ގޮތުން ވައިޓް ހައުސްގައި ޓްރަމްޕް ކުރައްވާ މަސައްކަތްޕުޅުތަކަށް ތާއީދުކުރަނީ %33 މީހުންނެވެ. އަދި ބައިވެރިވި މީހުންގެ %64 މީހުން ވަނީ އޭނާއަށް ތާއީދު ނުކުރާ ކަމަށް ހާމަކޮށްފައެވެ.
މި މަހުގެ ކުރީކޮޅު ނެގި ޕޯލްގައި %35 ގައި ހުރި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން މިހާރު ވަނީ އޭނާގެ މި ދައުރުގެ އެންމެ ދަށް މިންވަރަށް ވެއްޓިފައެވެ. މިއީ ޑިސެމްބަރު 2017 ގައި އޭނާގެ ކުރީގެ ދައުރުގައި މަގުބޫލުކަން އެންމެ ދަށަށް ދިޔަ މިންވަރާ އެއްވަރުގެ އަދަދެކެވެ. ޓްރަމްޕްގެ މަގުބޫލުކަން ދަށްވުމުގެ މައިގަނޑު ސަބަބަކީ އިސްރާއީލާ ގުޅިގެން އީރާނަށް ހަމަލާދިނުމަށް އަމުރުކުރެއްވުމާ ގުޅިގެން، ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވުމާއި ތެލުގެ ވިޔަފާރިއަށް ހުރަސްއެޅި އަގުތައް އުފުލިގެން ދިއުމެވެ.
ރޮއިޓާސް/އިޕްސޮސްގެ ޕޯލުން ދައްކާ ގޮތުގައި އެމެރިކާގެ %80 މީހުން ގަބޫލުކުރަނީ އީރާނުގެ މައްސަލައިގެ ތެރެއަށް އެމެރިކާ ވަދެފައިވާ ވަނުން ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށެވެ. އަދި މި ހަނގުރާމައަކީ ކުރަން ރަނގަޅު ކަމެއް ކަމަށް ގަބޫލުކުރަނީ ކޮންމެ ފަސް މީހަކުން އެކަކެވެ. މި ހަމަނުޖެހުން ދިފާއުކުރައްވައި ނިއުޔޯކްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ "ވަރަށް ނުބައި ގައުމަކަށް ނިއުކްލިއާ ހަތިޔާރު ނުލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ތެލަށް ކުޑަ މިންވަރެއް އިތުރަށް ހޭދަކުރަން ޖެހުމަކީ އެކަމުގެ އަގު އަދާކުރުން" ކަމަށެވެ.
ހަނގުރާމައާއި ތެލުގެ އަގުތަކުގެ ސަބަބުން ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބުގައި ކޮންގްރެސްގެ އަޣުލަބިއްޔަތު ދިފާއުކުރުމަށް ރިޕަބްލިކަން ޕާޓީއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިގްތިސާދު އެންމެ ރަނގަޅަށް ބަލަހައްޓާނެ ބައެއްގެ ގޮތުގައި ރައްޔިތުން އިސްކަންދެނީ ޑިމޮކްރެޓުންނަށެވެ. މީގެ އިތުރުން ކުރިން ރިޕަބްލިކަނުން ބޮޑު ތަފާތަކުން ކުރީގައި އޮތް އިމިގްރޭޝަން ސިޔާސަތުގައިވެސް ދެ ޕާޓީގެ ދެމެދުގައިވާ ފަރަގު މިހާރު ވަނީ އެންމެ 2 ޕަސެންޓް ޕޮއިންޓަށް ކުޑަވެފައެވެ.



