އީރާނާ ދެކޮޅުވެރި މީޑިއާތަކާއި، އެމެރިކާ އަދި އިސްރާއީލުގެ މީޑިއާތަކުގެ އިތުރުން އެ ދެ ޤައުމުން ޚަރަދުކުރާ މީޑިއާތަކަށް އިންޓަވިއު ދިނުމާއި މުޢާމަލާތް ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ބިލެއްގެ ޢާންމު އުޞޫލުތައް އީރާނުގެ މަޖިލީހުން އާދީއްތަ ދުވަހު ވަނީ ފާސްކޮށްފައެވެ. މި މަޢުލޫމާތު ހާމަކޮށް ރިޕޯޓުކޮށްފައިވަނީ އީރާނުގެ 'ޝަރްޤު' ނޫހުންނެވެ.
ހުށަހެޅިފައިވާ ބިލުގައިވާ ގޮތުން، ދެކޮޅުވެރި މީޑިއާތަކަށް އިންޓަވިއު ދިނުމާއި ބަޙުޘްތަކުގައި ބައިވެރިވުމަކީ މަނާކަމެކެވެ. މި ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ހަ މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ ޖަލު ޙުކުމެއް ކަނޑައެޅޭނެއެވެ. އަދި އެހެނިހެން ބޭރުގެ މީޑިއާތަކަށް އިންޓަވިއު ދޭނަމަ އިންޓެލިޖެންސް މިނިސްޓްރީއަށް އެކަން އަންގަން ޖެހޭއިރު، ފޮރިން މިނިސްޓްރީގެ ލިޔުމުން ދޭ ހުއްދައެއް ނެތި ބޭރުގެ އެމްބަސީތަކާއި ޖަމްޢިއްޔާތަކާ ގުޅުން ބޭއްވުމަކީ ޖޫރިމަނާކުރުމާއި ބައެއް އިޖުތިމާޢީ ޙައްޤުތަކުން މަޙްރޫމްކުރެވޭނެ ކުށެކެވެ.
މަޖިލީހުގެ ޝަރުޢީ އަދި ޤާނޫނީ ކޮމިޝަނުގެ މެންބަރެއް ކަމަށްވާ އުސްމާން ސާލާރީ 'މީޒާން' ނިއުސް އޭޖެންސީއަށް ވިދާޅުވީ، ބޭރުގެ ޖާސޫސީ ނުފޫޒުތަކާ ދެކޮޅަށް އެކުލަވާލާފައިވާ މި ބިލުގެ ވަކިވަކި މާއްދާތަކާމެދު އަދި ބަޙުޘްކޮށް ފާސްނުކުރާ ކަމަށާއި، ބިލުގެ ތަފްޞީލުތަކާ ގުޅޭގޮތުން ފެތުރޭ ރިޕޯޓުތަކަކީ އަދި އެންމެ ފަހުގެ ނިންމުން ކަމަށް ނުބެލުމަށެވެ.
މި ޤާނޫނުގެ ދަށުން، ބޭރުގެ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ހިންގާ އިޤްތިޞާދީ ކުށްތަކަށް ދެވޭ އަދަބު ހަރުކަށިކުރެވޭނެއެވެ. އަދި އިންޓެލިޖެންސް މިނިސްޓްރީގެ ހުއްދައެއް ނެތި މަޢުލޫމާތު ދިނުމާއި، ފާސްކޮށްފައިވާ ލިސްޓުން ބޭރުގައިވާ ބޭރުގެ މުއައްސަސާތަކާއެކު ޢިލްމީ ގޮތުން އެއްބާރުލުން ދިނުން ވެސް ހަނިކުރެވޭނެއެވެ. ބޭރުގެ ޖާސޫސީ އިދާރާތަކުގެ އިރުޝާދުގެ ދަށުން ހުށަހަޅާ ސިޔާސަތުތަކުގެ ސަބަބުން އީރާނުގެ ސަލާމަތަށް ނުވަތަ މިނިވަންކަމަށް ގެއްލުންވާނަމަ، އިންޤިލާބީ ކޯޓުތައް މެދުވެރިކޮށް 30 އަހަރާ ހަމައަށް ޖަލު އަދަބު ކަނޑައެޅޭނެއެވެ.
މި ބިލު މަޖިލީހުގައި ކުރިއަށް ގެންދާނީ މާއްދާއަކަށް ފަހު މާއްދާއެއް ވަކިވަކިން ބަޙުޘްކޮށްގެންނެވެ. މަޖިލީހުން ބިލު ފާސްކުރުމުން، އެއީ ޤާނޫނަކަށް ވުމުގެ ކުރިން ގާޑިއަން ކައުންސިލުން އެ ބިލު މުރާޖަޢާ ކުރަންޖެހޭނެއެވެ.
އިސްރާއީލާއެކު ހިނގި 12 ދުވަހުގެ ހަނގުރާމައަށްފަހު 2025 ވަނަ އަހަރު ވެސް އީރާނުން ވަނީ ދެކޮޅުވެރި ޤައުމުތަކަށް އެއްބާރުލުން ދޭ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅާ ޤާނޫނެއް ފާސްކޮށްފައެވެ. އެ ޤާނޫނުގެ ދަށުން، ދެކޮޅުވެރި މީޑިއާތަކަށް އިންޓަވިއު ދިނުމާއި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ޖަމްޢިއްޔާތަކަށް ފޮޓޯ ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ފޮޓޯޖާނަލިސްޓް ޔަލްދާ މުޢައްޔިރީގެ މައްޗަށް މިމަހު ވަނީ 15 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.



