އަންނަ ހަފުތާއިން ފެށިގެން އީރާނާ ދެކޮޅަށް މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ އިޤްތިޞާދަށް ވަރުގަދަ ޙަމަލާއެއް ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. ޓްރަމްޕްގެ ދެވަނަ ދައުރު ފެއްޓެވި ފަހުން އޯ.އެފް.އޭ.ސީ މެދުވެރިކޮށް 1،000 އަށް ވުރެ ގިނަ ފަރާތްތަކަށާއި އުޅަނދުތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާއިރު، އީރާނާ ގުޅުންހުރި ގާތްގަނޑަކަށް 500 ބިލިއަން ޑޮލަރުގެ ކްރިޕްޓޯކަރަންސީ ވެސް ވަނީ ފްރީޒްކޮށްފައެވެ.
އީރާނުން ބޭރުކުރާ ތެލުގެ 80 އިންސައްތައަށް ވުރެ ބޮޑު ބައެއް ގަންނަނީ ޗައިނާގެ އަމިއްލަ 'ޓީޕޮޓް' ރިފައިނަރީތަކުން ކަމަށްވުމާއެކު، އެ ފަރާތްތަކަށް ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު އެމެރިކާއަށް އެބައޮތެވެ. މީގެ އިތުރުން، އީރާނުގެ ފައިސާގެ މުޢާމަލާތްތައް ހިންގާ ޗައިނާގެ ބޮޑު ދެ ބޭންކަކަށް ފިޔަވަޅު އެޅުމުގެ އިންޒާރު ޓްރެޜަރީން ވަނީ ދީފައެވެ. ނަމަވެސް، މި އަހަރުގެ ފަހުކޮޅު ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވަން ހަމަޖެހިފައިވުމާއި، ޒަމާނީ ޓެކްނޮލޮޖީއަށް ބޭނުންވާ މުހިންމު މަޢުދަންތައް ޗައިނާއިން އެކްސްޕޯޓްކުރުން މަދުކޮށްފާނެ ކަމުގެ ބިރު އޮތުމުން މިއީ ގޮންޖެހުން ބޮޑު ކަމެކެވެ.
އީރާނުން އާމްދަނީ ހޯދަން ބޭނުންކުރާ ކުދި ކުންފުނިތަކަށް އަމާޒުކޮށް 'ވެކް-އަ-މޯލް' އުސޫލުން ފިޔަވަޅު އެޅި ނަމަވެސް، އޭގެ ސަބަބުން އީރާނުގެ ޢަމަލުތަކަށް ބަދަލެއް ނާންނަ ކަމަށް މާހިރުން ފާހަގަކުރެއެވެ. އަނެއްކޮޅުން، އީރާނުގެ އަވަށްޓެރި ޤައުމުތައް މެދުވެރިކޮށް އެއްގަމު މަގުތައް ބަންދުކުރުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް، އެ ސަރަޙައްދުގެ ފަރުބަދަމަތީ ބޯޑަރުތައް ބެލެހެއްޓުމަކީ އުނދަގޫ ކަމެކެވެ. އެހެންނަމަވެސް، ޓްރެޜަރީގެ އެހީއަށް އެދިފައިވާ ޕާކިސްތާނާއި އެފް-35 މަތިންދާބޯޓު ޕްރޮގްރާމާ އަލުން ގުޅެން މަސައްކަތްކުރާ ތުރުކީއަށް ނުފޫޒު ފޯރުވުމުގެ ބާރު ޓްރަމްޕަށް އޮވެދާނެއެވެ.
އީރާނާއެކު ވިޔަފާރިކުރާ ޤައުމުތަކުގެ މުދަލުން ޓެކްސް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެކަމުގެ ޤާނޫނީ އަސާސް ބާތިލުކޮށްފައެވެ. އެހެންނަމަވެސް، ސެނެޓުން ފާސްކުރި ބިލެއްގެ ދަށުން އީރާނަށް އެހީވާ ޤައުމުތަކާ ދެކޮޅަށް ޓެރިފް ބޭނުންކުރުމުގެ އައު ބާރުތަކެއް ރައީސަށް ލިބިގެންދެއެވެ. މި ބިލު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ފާސްކުރުމުގައި، ދެ ޕާޓީގެ މެންބަރުންގެ މެދުގައި ހުރި ކަންބޮޑުވުންތަކުގެ ސަބަބުން ހުރަސްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ.



