Tuesday, October 13
ދެކުނު ކޮރެއާއާއެކު ބާއްވާ ތަމްރީނުތައް މަދުކުރަން ޓްރަމްޕް އަމުރުކުރައްވައިފި

އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް - ފޮޓޯ: Brian Snyder/Reuters

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ދެމެދު އޮތް ރަނގަޅު ގުޅުމަށް ބައްލަވައި، އެމެރިކާއިން ދެކުނު ކޮރެއާއާއެކު ބާއްވާ ގުޅިފައިވާ އަސްކަރީ ތަމްރީނުތައް މަދުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕެންޓަގަނަށް އަމުރުކުރައްވާފައެވެ. މީގެ އިތުރުން، އެ އަސްކަރީ ތަމްރީނުތަކާ މެދު އަމިއްލަފުޅަށް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، މި ތަމްރީނުތަކަކީ ބޮޑު ޚަރަދެއް ހިނގާ އަދި އުތުރު ކޮރެއާއަށް "މުޅިން ނުރަނގަޅު މެސެޖެއް ފޯރުކޮށްދޭ" ކަމެއް ކަމަށެވެ. އަދި ތަމްރީނުތައް ކެންސަލް ކުރުމުގެ ވަގުތު ފާއިތުވެފައިވާތީ، އެ ހަރަކާތްތައް "ވަރަށް ބޮޑަށް މަދުކުރުމަށް" ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތަށް އަމުރުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އީރާނުގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެދުމުން ދެކުނު ކޮރެއާގެ ރައީސް އެކަމަށް އިންކާރު ކުރެއްވި ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

ނަމަވެސް، ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ދެކުނު ކޮރެއާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، 18،000 ސިފައިންނާއެކު ކުރިއަށްގެންދާ އަހަރީ "އުލްޗީ ފްރީޑަމް ޝީލްޑް" އަސްކަރީ ތަމްރީނުތައް ކުރިން ތާވަލުކުރެވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ.

އުތުރު ކޮރެއާއިން އަބަދުވެސް މި ތަމްރީނުތަކަކީ އެ ގައުމަށް އަރައިގަތުމަށް ވެވޭ ތައްޔާރީތަކެއް ކަމަށް ބުނެ ނުރުހުން ފާޅުކުރެއެވެ. ޓްރަމްޕް ވަނީ މީގެ ކުރިން 2018 ވަނަ އަހަރު ސިންގަޕޫރުގައި ކިމްއާއެކު ބޭއްވި ސަމިޓަށް ފަހު ވެސް މި ތަމްރީނުތައް ހުއްޓާލުމަށް މަސައްކަތް ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު