އިސްރާއީލުގެ އަސްކަރިއްޔާއިން ކޮންމެ ރެޔަކުވެސް ޣައްޒާއިން 30 ނުވަތަ 40 މީހުން މަރަންޖެހޭ ކަމަށާއި، ހަމައެކަނި އެ ވަގުތު ނުރައްކަލެއް ކުރިމަތިކުރާ މީހުން މެރުމުން ނުފުދޭނެ ކަމަށް އިސްރާއީލުގެ ހައްދުފަހަނައެޅި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރް ބެން-ގްވިރް ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ އޮކްޓޯބަރު 2023 ގައި ޙަމާސްއިން ދިން ޙަމަލާތަކަށްފަހު ޣައްޒާގައި ބަންދުކޮށްފައި ހުރި އިސްރާއީލުގެ ކުރީގެ އަސީރެއް ކަމަށްވާ ރޮމް ބްރަސްލަވްސްކީއާ އެކު ދެއްކި ވާހަކަތަކެއް ހިމެނޭ ޕޮޑްކާސްޓެއްގައެވެ. މި ޕޮޑްކާސްޓް އާދީއްތަ ދުވަހު ފެންމަތިވެ، ފަލަސްޠީނުގެ މީޑިއާތަކުގައި ވަނީ ފުޅާދާއިރާއެއްގައި ދައުރުވެފައެވެ.
ޣައްޒާގެ ރައްޔިތުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަދައްކަމުން ބެން-ގްވިރް ބުނެފައިވަނީ، "އެތަނުގައި ދިރިއުޅުމުގެ ޙައްޤު ނެތް މީހުން އެބަތިބި. އެމީހުން ދިރިތިބެގެން ނުވާނެ. އެއީ އިންސާނުންނެއްވެސް ނޫން،" ކަމަށެވެ. އަދި މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ ދަށުން ޣައްޒާއަށް ދޭ އަސްކަރީ ޙަމަލާތައް މަދުކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމެވި ނިންމެވުމާ ދެކޮޅު ކަމަށާއި، ސީދާ ނުރައްކަލެއް ނެތް މީހުންނަށް އަމާޒުކޮށްގެންވެސް އައު މަރުގެ ޙަމަލާތައް ފަށަންޖެހޭ ކަމަށް އޭނާ ވަކާލާތު ކުރިއެވެ. އިސްރާއީލުގެ ސަލާމަތީ ކެބިނެޓުގައި އިންނެވި ނަމަވެސް، އަސްކަރިއްޔާގެ މައްޗަށް އަމުރު ނެރުމުގެ ރަސްމީ ބާރެއް ބެން-ގްވިރްއަކަށް ނޯވެއެވެ.
މި ޕޮޑްކާސްޓުގައި ބްރަސްލަވްސްކީ ވަނީ އަސްކަރީ ކޯޓުތަކުން މަރުގެ އަދަބު ކަނޑައަޅާ ފަލަސްޠީނު ގައިދީން އަމިއްލަ އަތުން ބަޑިޖަހައި މެރުމުގެ ފުރުޞަތު ދިނުމަށް އެދިފައެވެ. އެކަމަށް އިޖާބަދެމުން ބެން-ގްވިރް ވަނީ އެކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި "ދުނިޔެ ބަންޑުން ޖަހާލަން ޖެހުނަސް" މަސައްކަތް ކުރާނެ ކަމަށް ވަޢުދުވެފައެވެ. މީގެ އިތުރުން، ފަލަސްޠީނު މީހުން ޣައްޒާއިން ދާއިމީކޮށް ބޭރުކޮށް، އެ ބިމުގައި އިސްރާއީލުގެ އައު އާބާދީތައް ޤާއިމުކުރުމަށް ގޮވާލަމުން އޭނާ ވަނީ "މުޅި ޣައްޒާއަކީ އަހަރެމެންގެ ތަނެއް" ކަމަށް ބުނެފައެވެ. ނަމަވެސް، މިފަދަ ގޮތަކަށް މީހުން މަޖުބޫރުން ބޭރުކުރުމަކީ ނަސްލު ނައްތާލުމުގެ ޢަމަލެއް ކަމަށް ބައިނަލްއަޤްވާމީ ޤާނޫނީ މާހިރުން އިންޒާރު ދެއެވެ.
އޮކްޓޯބަރު މަހު "ހަނގުރާމަ ހުއްޓާލި" ފަހުންވެސް އިސްރާއީލުގެ ޙަމަލާތަކުގައި ޣައްޒާއިން 1,250 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުން ބުނެއެވެ. ޒުވާން ދުވަސްވަރު މަނާކޮށްފައިވާ ހައްދުފަހަނައެޅި 'ކަހާނިސްޓް' ހަރަކާތުގައި ބައިވެރިވި ބެން-ގްވިރް އަކީ ޖަލުތަކުގައި ތިބި ފަލަސްޠީނު ހައްޔަރީންގެ ޙާލަތު ގަސްދުގައި ދަށްކުރުމަށް ފަޚުރުވެރިވާ ބޭފުޅެކެވެ. އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަންގެ ބައެއް ޤައުމުތަކުން އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް، އޮކްޓޯބަރު 27 ގެ އިންތިޚާބާ ދިމާއަށް އިސްރާއީލު މިސްރާބު ޖަހާފައިވާއިރު ސަރުކާރުގެ ތެރޭގައި އޭނާގެ ނުފޫޒު ދަނީ އިތުރުވަމުންނެވެ.



