ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (ސާކް-އޭއޭ)ގެ ރައީސްކަމަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޑރ. އަސްޢަދު މުޙައްމަދު ޝަހީދު އިންތިޚާބްވެވަޑައިގެންފިއެވެ.
ޞިއްޙީ ވުޒާރާއިން ބުނީ ޑރ. އަސްޢަދު އިންތިޚާބުވެވަޑައިގަތުމަކީ ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ޚާއްޞަ ތަމްރީނާއި، އަދި ފަންނީ ކުރިއެރުމުގެ ތެރެއިން އެނެސްތީސިއޮލޮޖީ ދާއިރާ ތަރައްޤީ ކުރުމަށް ދިވެހިރާއްޖެއަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމެއް ކަމަށާއި، ދިވެހި ޑޮކްޓަރުންނާއި، އެނެސްތީސިއާ ޓެކްނީޝަނުންނާއި، އަދި ނަރުހުންނަށް ސަރަހައްދީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން މި ލީޑަޝިޕް ދައުރުގެ ސަބަބުން ސަރަހައްދީ ތަމްރީނު ޕްރޮގްރާމްތަކާއި، ފަންނީ އެއްބާރުލުންދިނުމާއި، ދިރާސާކުރުމާއި، އަދި ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢުތަކަށް އެއްބާރުލުން ލިބޭނެ ކަމަށް ބެލެވޭއިރު، ސާކްގެ މެންބަރު ޤައުމުތަކުގައި ހުރި ފަންނީ ޤާބިލުކަމާއި ވަސީލަތްތަކުގެ ބޭނުން ދިވެހިރާއްޖެއަށް ހިފުމުގެ މަގުތައް ފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އަދި ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ފާހަގަކޮށް، އެނެސްތީސިއާއާއި ކްރިޓިކަލް ކެއަރ ޚިދުމަތްތަކާއި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި، އަދި ޚާއްޞަ ކްލިނިކަލް ތަމްރީނުތައް ހަރުދަނާ ކުރުމަށް ހުރި ފުރުޞަތުތައް ރާއްޖެއަށް މި ޕްލެޓްފޯމް މެދުވެރިކޮށް ބޭނުންކުރެވިދާނެއެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ އަދި ސަރަހައްދީ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
ޑރ. އަސަދު މުޙައްމަދު ޝަހީދު މި މަޤާމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ޞިއްޙީ ވުޒާރާއިން ވަނީ މަރުޙަބާ ދަންނަވައިފައެވެ. އަދި ލީޑަޝިޕް ފުރުޞަތުގެ ބޭނުން ހިފައިގެން ދިވެހިރާއްޖޭގެ އެނެސްތީސިއޮލޮޖީއާއި ގުޅުންހުރި ޚާއްޞަ ސިއްޙީ ޚިދުމަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެ ވުޒާރާއިން ބުންޏެވެ.



