ދަރުމަވަންތަ ސްކޫލްގެ ހޯލް ތަރައްޤީކުރުމަށްޓަކައި މާލޭ ޖަލު ތަޅާލުމުގެ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ނިންމާލެވޭނެ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ، މާލޭ ޖަލު ތަޅާލުމުގެ މަސައްކަތް ކުރުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، ޖަލު ހުސްކުރުމުގެ ޢަމަލީ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
މިގޮތުން ވަޒީރު ވިދާޅުވީ، މިއަހަރުގެ ފަހު ކުއާޓަރުގައި އެތަން އެއްކޮށް ތަޅާލައި ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެ ބިމުގައި ބިނާކުރާނީ މާލޭގައި ހުންނާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ހޯލު ކަމަށެވެ.
ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން ގިނަވެ، އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގުމަށް ދިމާވި ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން މަޖީދިއްޔާ ސްކޫލުގެ ބިމުން ބައެއްގައި އޭރު އުފެއްދި ސްކޫލެކެވެ. ނަމަވެސް، މާގިނަ ދުވަސްތަކެއް ނުވެ އެ ޢިމާރާތް ބާވެ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން، 2016 ވަނަ އަހަރު އެ ސްކޫލް ބަންދުކުރިއެވެ. އަދި ވެލާނާގެއާ އިންވެގެން އޮންނަ ބިމުގައި ވަގުތީ ޢިމާރާތެއް އަޅައިގެން ދަރިވަރުންނަށް ކިޔަވައިދެމުން ގެންދިޔައެވެ.
އެއަށްފަހު، ދަރުމަވަންތަ ސްކޫލްގެ އައު ދާއިމީ ޢިމާރާތް ނިންމައި ކިޔަވައިދޭން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު ފެށުނު ދިރާސީ އައު އަހަރާ އެކުގައެވެ. މި ޒަމާނީ އައު ޢިމާރާތުގައި ޖުމްލަ 41 ކްލާސްރޫމް ހިމެނެއެވެ.



