އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ މަޤާމަށް ޖަމީލާ ޢަލީ ޚާލިދު ޢައްޔަންކުރެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު އިއްވެވުމަށްފަހު، ފޮރިން ސާވިސްގެ ޤާނޫނުގެ ދަށުން ހުށަހެޅުނު މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފައެވެ.
އިނގިރޭސިވިލާތުގެ ސަފީރުކަމުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި އިރުތިޝާމް އާދަމް، 2024 ޑިސެމްބަރުން ފެށިގެން 2026 އެޕްރީލް 14 ގެ ނިޔަލަށް ޚިދުމަތްކުރެއްވުމަށްފަހު ފޮރިން މިނިސްޓަރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. މި މަޤާމަށް ހުށަހެޅުއްވި ޖަމީލާއަކީ ދައުލަތުގެ ތަފާތު ގިނަ ދާއިރާތަކެއްގައި ގުޅުންހުރި މުހިންމު ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން 2017 އިން 2019 އަށް ޖަރުމަނުވިލާތުގައި ހުންނެވި ރާއްޖޭގެ ފުރަތަމަ ސަފީރުގެ މަޤާމު އަދާކުރެއްވުމުގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްކަމާއި ތަޢުލީމީ ދާއިރާއާއި މީޑިއާގެ ދާއިރާގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވައިފައިވެއެވެ. އަދި މިހާރު އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަޤާމުގައެވެ.



