އެހީދޭ ޖަމާއަތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގައުމުގެ ހާލަތު ގޯސްވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، ތާލިބާނުން އެމީހުންގެ ވެރިކަމަށް ފަސް އަހަރު ފުރުން ފާހަގަކޮށްފިއެވެ. މި މުނާސަބަތުގައި ކާބުލްގައި ހުންނަ އެމެރިކާގެ ކުރީގެ އެމްބަސީ ކައިރީގައި ހަތިޔާރު އެޅި ވެހިކަލްތަކާއެކު ބޭއްވި ހާއްސަ ޕެރޭޑުގައި، ހުޅަނގުގެ މައްޗަށް ހޯދި ކާމިޔާބީގެ ދުވަސް ވަނީ ފާހަގަކޮށްފައެވެ.
ތާލިބާނުންގެ ދާޚިލީ ވަޒީރު ސިރާޖުއްދީން ޙައްޤާނީ ވިދާޅުވި ގޮތުގައި އެމީހުން އަލުން ވެރިކަމަށް އައީ ހިތްވަރާއި ކެރުމާއެކުގައެވެ. އެހެންނަމަވެސް، ވެރިކަމުގައި އަދިވެސް ގިނަ ގޮންޖެހުންތަކާއި ދަތިތަކެއް ހުރިކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ ގައުމަށް ކުރިމަތިވި އެކިއެކި ކާރިސާތަކުން އަރައިގަތުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ފަހަކަށް އައިސް އުތުރުއިރުމަތީ ސަރަހައްދުތަކުގެ އިސް އޮފިޝަލުންތަކެއް މަރާލުމުގެ ނުރައްކާތެރި ހާދިސާތަކެއް ވެސް ވަނީ ހިނގާފައެވެ.
2021 ވަނަ އަހަރު ތާލިބާނުން ވެރިކަމަށް އައި ފަހުން، އަންހެނުންނާއި އަންހެން ކުދިންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި، 2.5 މިލިއަން ކުދިން ސެކަންޑަރީ ސްކޫލްތަކަށާއި ޔުނިވަރސިޓީތަކަށް ދިއުން ވަނީ މަނާކޮށްފައެވެ. ޔޫ.އެން ވިމެން އިން ހާމަކުރާ ގޮތުގައި އަފްޣާން އަންހެނުންގެ ދެބައިކުޅަ އެއްބައި މީހުން މިހާރު ގެއިން ބޭރަށް ނުކުންނަނީ މަހަކު އެންމެ ފަހަރަކު ނުވަތަ ދެފަހަރަކު ކަމުގައި ވިޔަސް، ތާލިބާނުން ބުނަމުންދަނީ އެމީހުން އަންހެނުންގެ ހައްގުތަކަށް އިހުތިރާމްކުރަނީ އިސްލާމީ ޝަރީއަތުގެ ދަށުން ކަމަށެވެ.
ރަސްމީކޮށް ތާލިބާނުންގެ ސަރުކާރު ބަލައިގެންފައިވަނީ ހަމައެކަނި ރަޝިއާއިން ނަމަވެސް، އިގްތިސާދީ އެއްބަސްވުންތައް ހެދުމަށް ގައުމުގެ ޖޯގްރަފީގެ ބޭނުން ހިފައިގެން އެމީހުން ދަނީ ހިމޭން ޑިޕްލޮމެޓިކް ކުރިއެރުންތަކެއް ހޯދަމުންނެވެ. އަދި އަހަރީ ދުވަސް ފާހަގަކުރުން އަވައްޓެރި އަދި ސަރަހައްދީ ގައުމުތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހަނަފަސްކަމާއި، ބާރުގަދަ ބިންހެލުންތަކާއި އަދި އަވައްޓެރި ގައުމުތަކުން ރައްޔިތުން އަނބުރާ ފޮނުވާލުމުގެ ސަބަބުން އަފްޣާނިސްތާނުގައި އިންސާނީ އެހީތެރިކަމަށް ބޭނުންވާ މިންވަރު ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފައެވެ.
އދ. ގެ މަންދޫބު ޖޯޖެޓް ގާގްނަން ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ސުލްހައާއި ތަނަވަސްކަމަށްޓަކައި ހަމައެކަނި ހަނގުރާމަ ހުއްޓުމަކުން ނުފުދޭނެ ކަމަށާއި، ގައުމުގެ މުސްތަގުބަލު ބިނާވެފައިވަނީ ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމުގެ މައްޗަށެވެ.



