Wednesday, October 14
ލަންކާގެ ޑްރަގް ޑީލަރު ދުބާއީން ހައްޔަރުކޮށް ލަންކާ އާ ހަވާލުކޮށްފި

ސްރީ ލަންކާގެ ދެހިވަލާގެ ކަލުބޯވިލާއަށް ނިސްބަތްވާ، މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އުމުރުން 48 އަހަރުގެ ޝިރާން ބަސީކް ދުބާއީން ހައްޔަރުކުރުމަށް ފަހު ލަންކާގެ ކަމާބެހޭ ފަރާތްތަކާ ވަނީ ހަވާލުކޮށްފައެވެ. އޭނާގެ އިތުރުން ފިލައިގެން ދުބާއީގައި އުޅެމުންދިޔަ ކުށްކުރާ ގޭންގުތަކަށް ނިސްބަތްވާ އިތުރު ދެ މީހަކު ވެސް ހައްޔަރުކޮށް ލަންކާއާ ވަނީ ހަވާލުކޮށްފައެވެ.

އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވާ ޝިރާން ބަސީކް އަބޫދާބީން ފުރައިގެން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެއާ އަރަބިއާގެ ފްލައިޓުން ވަނީ ލަންކާއަށް ގެނެސްފައެވެ. އޭނާ އެއާޕޯޓަށް އައުމާއެކު ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ އޮފިސަރުން ވަނީ އެއާޕޯޓުގައި އޭނާގެ ބަޔާން ނަގާފައެވެ.

ދުބާއީ ފުލުހުން ޝިރާން ބާސިކް ހައްޔަރުކޮށްފައިވަނީ، އީރާނުން ޔޫއޭއީއަށް ދިން ކަމަށް ބުނާ ހަމަލާތަކުގައި ބޭނުންކުރި ޑްރޯން އަދި މިސައިލްތަކުގެ ފޮޓޯއާއި ވީޑިއޯ އޭނާގެ ފޯނުން ފެނުމާ ގުޅިގެންނެވެ. އަދި އޭނާ އިތުރު ތަހުގީގަށް އެމެރިކާއާ ހަވާލުކުރުމަށް ވެސް އެ ގައުމުން އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2018 ވަނަ އަހަރުން ފެށިގެން ޔޫއޭއީގައި ވިޔަފާރިވެރިއެއްގެ ގޮތުގައި އުޅެމުންދިޔަ ބާސިކްގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ހަތިޔާރު ގެންގުޅުމާއި، ކުށްކުރާ ޖަމާއަތްތަކުގައި ބައިވެރިވުމާއި، މަސްތުވާތަކެތީގެ ވިޔަފާރިން ހޯދި މުދަލުގެ މައްސަލަތަކުގައި އިތުރު ތަހުގީގުތައް ހިންގުމަށް ފުލުހުން ވަނީ ނިންމާފައެވެ.

އޭނާ ލަންކާގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުމާ ގުޅިގެން، ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކާއެކު ކޮލަމްބޯގައި ހުންނަ ސެންޓްރަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ (ސީސީއައިބީ) އަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު