މި ބައްދަލުވުމުގައި މިނިސްޓަރ އަލީ އިޙްސާން ވިދާޅުވީ، ހާދިސާގެ ޚަބަރު ލިބުނު އެރޭ ދަންވަރުން ފެށިގެން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއިލާއަށް ކެއްތެރިކަން ދެއްވުމަށް އެދި ދުޢާކުރައްވައި، ހިތްވަރު ދެއްވާފައިވާކަން މިނިސްޓަރ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ 1650 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ވާތީ، ރާއްޖޭގައި ހުރި ވަސީލަތްތަކުން އެ ހިސާބަށް ނުދެވޭތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ސާޖަންޓް ނާފިޢު މަސައްކަތް ކުރެއްވީ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަތިވެރި އަޒުމުގައި ކަމަށާއި، މި މަސައްކަތުގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި މުޅި ފުލުހުންގެ މުއައްސަސާ މި ހިތާމައިގައި ބައިވެރިވާކަން ހާމަކުރައްވަމުން، ހާދިސާ ތަހުގީގު ކުރުމަށް މާލެއިން ހާއްސަ ޓީމެއް ފޮނުވާފައިވާ ކަމަށާއި އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.






