ރޫސީވިލާތާއި އުތުރު ކޮރެއާއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ސަރަޙައްދީ ރައްކާތެރިކަމާއި ހަމަޖެހުން ކަށަވަރުކުރުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ރޫސީވިލާތުގެ ރައީސް ވްލަޑްމީރް ޕުޓިން، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއަށް ދަންނަވާފައިވާ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭއިން ހާމަކޮށްފިއެވެ.
ޖަޕާނުގެ އިސްތިއުމާރީ ވެރިކަމުން ކޮރެއާ މިނިވަންވި ދުވަހުގެ މުނާސަބަތުގައި ކިމްއަށް ފޮނުއްވި މެސެޖެއްގައި ޕުޓިން ވިދާޅުވީ، މޮސްކޯއާއި ޕިޔޮންގްޔަންގުން ދަނީ ހުރިހާ ދާއިރާއަކުންވެސް އެއްބާރުލުންދީ، ގުޅުން އިތުރަށް ބަދަހިކުރަމުން ކަމަށެވެ. އަދި ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމާއި ބައިނަލްއަގުވާމީ މައްސަލަތަކުގައި ރޫސީވިލާތާއި އުތުރު ކޮރެއާއިން "ބިނާކުރަނިވި ގުޅިގެން ކުރެވޭ މަސައްކަތްތައް" ކުރިއަށްދާނެކަމުގެ އިތުބާރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން، ރޫސީވިލާތުގެ ކުރީގެ ރައީސް ޑިމީޓްރީ މެޑްވެޑޭވްވެސް ވަނީ ކިމްއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.
ދެވަނަ ބޮޑުހަނގުރާމައިގައި ޖަޕާނާ ދެކޮޅަށް ހަނގުރާމަކުރި ސޯވިއެޓް ސިފައިންގެ ހަނދާނުގައި، ކިމް ހުކުރު ދުވަހު ޕިޔޮންގްޔަންގްގެ "ލިބަރޭޝަން ޓަވަރު"އަށް ޒިޔާރަތްކުރެއްވި ކަމަށް ކޭސީއެންއޭއިން ރިޕޯޓުކުރިއެވެ. ކިމްގެ ނަންފުޅުގައި އެ ޓަވަރުގައި ބެހެއްޓެވި މާބޮނޑީގައި "ސޯވިއެޓް ސިފައިންގެ ޝަހީދުންގެ ޖާނުފިދާވުން އަހަރެމެން ހަނދާނެއް ނުނައްތާނެ" ކަމަށް ލިޔެފައިވެއެވެ. ކިމް ވިދާޅުވީ ދެގައުމުގެ ދެމެދުގައިވާ ލޭގެ ގުޅުމާއި ހަނގުރާމައިގެ އެކުވެރިކަމުގެ ތަރިކައަކީ، ދެގައުމުގެ އިތުރަށް ފުޅާވަމުންދާ ގުޅުމުގެ އަސާސް ކަމުގައެވެ.
މި މެސެޖުތަކާއި ކިމްގެ މި ޒިޔާރަތުން ރަމްޒުކޮށްދެނީ މޮސްކޯއާއި ޕިޔޮންގްޔަންގްގެ ގުޅުން އިތުރަށް ބަދަހިވަމުންދާ ކަމެވެ. މިކަމުގެ ސަބަބުން، ޔޫކްރޭން ހަނގުރާމައިގައި ރޫސީވިލާތަށް އުތުރު ކޮރެއާއިން ވާގިވެރިވާތީ ބައިނަލްއަގުވާމީ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ޔޫކްރޭނުގެ ރައީސް ވްލަޑްމީރް ޒެލެންސްކީ ތަކުރާރުކޮށް ވިދާޅުވެފައިވަނީ ރޫސީވިލާތުން ޔޫކްރޭނާ ދެކޮޅަށް އުތުރު ކޮރެއާގެ މިސައިލް ބޭނުންކުރާ ކަމަށާއި، މޮސްކޯއަށް މިސައިލާއި އަސްކަރީ ސާމާނު ފޯރުކޮށްދީ، ހަނގުރާމައަށް އިތުރު ސިފައިން ފޮނުވުމަށް އެ މީހުން އެއްބަސްވެފައިވާ ކަމަށެވެ.
މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޕިޔޮންގްޔަންގުން މަސައްކަތްކުރަނީ އުތުރުއިރުމަތީ އޭޝިއާއަކީ ވާދަވެރި ދެ ބްލޮކެއްގެ މެދުގައިވާ ސަރަޙައްދެއްގެ ގޮތުގައި ދެއްކުމަށެވެ. އެއީ އެގައުމުގެ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމްތައް ދިފާއުކޮށް، ބެއިޖިން އާއި މޮސްކޯގެ ތާއީދު އިތުރަށް ހޯދުމުގެ މަގުސަދުގައެވެ.



