Wednesday, October 14
އިންޑޮނޭޝިއާއަށް އައި ބިންހެލުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އިންޑޮނޭޝިއާގެ ފްލޯރެސް ކައިރިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެޤައުމުގެ ރައީސް، ހިޒް އެކްސަލަންސީ ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ. މި ބިންހެލުމުގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ.

ރައީސް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑޮނޭޝިއާގެ ރައީސަށާއި ސަރުކާރަށް އަދި އެކުވެރި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި ޢާއިލާގެ މެންބަރުން ވަކިވެދިޔަ ފަރާތްތަކަށް ހަމްދަރުދީ ފާޅުކުރައްވާފައިވެއެވެ.

މީގެއިތުރުން، ގެދޮރު ގެއްލުނު ޢާއިލާތައް ހިމެނޭހެން، މި ހާދިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވައި، މީހުން ސަލާމަތްކުރުމަށާއި ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތްތައް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، އިންޑޮނޭޝިއާ ރައްޔިތުންނަށް ކުރިމަތިވި މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ހެޔޮދުޢާ ފޮނުއްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު