Wednesday, October 14
ހޮރުމުޒު މައްސަލައިގައި އީރާނުން ދޫނުދިނުމުން ތެލުގެ އަގު ބޮޑުވާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ހޮރުމުޒު ކަނޑުއޮޅީގެ ސަރަޙައްދީ އިސްތިޤްލާލުގެ މައްސަލައިގައި އީރާނުން އެއްވެސް ވަރަކަށް ދޫނުދޭނެ ކަން ހާމަކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ފުރުޞަތު އޮތުމުން އެކަމަށް ތައްޔާރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައްޔިތުންނަށް އަންގަވައިފިއެވެ.އީރާނަށް ނިއުކްލިއާ ހަތިޔާރެއް ލިބުނުނުދިނުމަށްޓަކައި ތެލުގެ އަގު ކުޑަކޮށް ބޮޑުވުން ގަބޫލުކުރުމަށް ޓްރަމްޕް ވަނީ އެމެރިކާގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އެމެރިކާގައި ތެޔޮ ގެލަނެއްގެ އެވްރެޖް އަގު 4.08 ޑޮލަރަށް އުފުލިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަކީ ނުބައި ބައެއްގެ ގޮތުގައި ސިފަކުރައްވައި ތެލުގެ އަގު މަތިވެދާނެކަމަށް އަންގަވަމުން ދަނިކޮށް، އީރާނުން ވަނީ އެމެރިކާ ބަލިވެއްޖެކަން ގަބޫލުކުރުމަށް ގޮވާލާފައެވެ. އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ގައި ފެށި މި ހަނގުރާމަ ނިންމުމުގެ އެއްވެސް ނިޝާނެއް ނުފެންނައިރު، ސުލްހައިގެ މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ. އަދި އިސްތިރާތީޖީ ގޮތުން މުހިންމު ހޮރުމުޒު ކަނޑުއޮޅިން ތެޔޮ އުފުލާ އުޅަނދުފަހަރު ދަތުރުކުރުންވެސް ވަނީ ހުއްޓިފައެވެ.

އުޅަނދުފަހަރު ޓްރެކްކުރާ ކްޕްލަރ ކުންފުނީގެ ތަހުލީލުތަކުން ދައްކާ ގޮތުގައި ހުކުރު ދުވަހު ހޮރުމުޒު ކަނޑުއޮޅިން ދަތުރުކޮށްފައިވަނީ އެންމެ ދެ އުޅަނދެވެ. އަދި އޭގެ ތެރޭގައި ސާމް ކަނޑުތެޔޮ އުފުލާ އެއްވެސް އުޅަނދެއް ނެތެވެ. މިއީ ހަނގުރާމައިގެ ކުރިން ދުވާލަކު 130 އަށްވުރެ ގިނަ އުޅަނދު އެ ކަނޑުއޮޅި ހުރަސްކުރި އަދަދާ އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ. އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ އުޅަނދުތަކަކަށްވެސް ކަނޑުއޮޅި ހުރަސްކުރަނިކޮށް ހަމަލާތައް ވަނީ އަމާޒުވެފައެވެ.

އީރާނުން ދޫނުދޭނެކަމަށް ބުނި ނަމަވެސް، އެ ގައުމުގެ އިގްތިސާދަށްވެސް މީގެ ނޭދެވޭ އަސަރުކުރަމުންދާކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށާފައެވެ. ރައީސް މަސްއޫދު ޕެޒެޝްކިއަން، ދައުލަތުގެ ޓީވީގައި ދެއްކެވި ވާހަކަފުޅެއްގައި، އިންފްލޭޝަން މަތިވަމުންދާ މައްސަލައިގެ އިލްޒާމް އަޅުއްވާފައިވަނީ އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ހުރަސްތަކާއި، އީރާނުގެ ތެޔޮ އެކްސްޕޯޓްކުރުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްޗަށެވެ.

މީގެއިތުރުން އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސުކޮޓް ބެސެންޓް ވަނީ އީރާނާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާ ނިންމުންތައް ކުރިއަށް އޮތް ހަފުތާގައި އިއުލާނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު