އަގުބޮޑު ޕްރައިވެޓް ޖެޓެއްގައި ދިވެހިރާއްޖެ ވަޑައިގަތުމުން ފާޑުކިޔުންތަކާ ކުރިމަތިލާންޖެހި އިސްތިއުފާ ދެއްވި އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް، ކްލެކްޓަންގައި ބޭއްވި ބައި-އިލެކްޝަން 62.8 ޕަސެންޓް ވޯޓާއެކު ކާމިޔާބުކުރައްވައިފިއެވެ. މައި ޕާޓީތަކުން ބޮއިކޮޓްކުރި މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 44 ޕަސެންޓް މީހުންނެވެ. މި އިންތިޚާބުގައި 26.7 ޕަސެންޓް ވޯޓާއެކު ދެވަނަ ހޯދާފައިވަނީ ކޮމީޑިއަން ޖޮނަތަން ހާވީގެ ކެރެކްޓާ "ކައުންޓް ބިންފޭސް" އެވެ. އޭނާގެ ސިޔާސަތުތަކުގެ ތެރޭގައި އައިސްކްރީމް ކޯނުގެ އަގު ކޮންޓްރޯލްކުރުމާއި، އާންމު ދަތުރުފަތުރުގައި ސްޕީކަރަށް ލައިގެން ފޯނުން ވާހަކަދައްކާ މީހުން ސިފައިންގެ ޚިދުމަތަށް ނެރުން ހިމެނެއެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ފުލުހުން ދިން ލަފަޔަކާ ގުޅިގެން، އިންތިޚާބުގެ ނަތީޖާ އިއުލާންކުރި ވަގުތު ފަރާޖް އެ ތަނަށް ވަޑައިގެންފައެއް ނުވެއެވެ.
ނަތީޖާ އިއުލާންކުރުމުގެ ކުރިން ބޭއްވި ޕާޓީއެއްގައި ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ފަރާޖް ވިދާޅުވީ، "ބޮޑު ކާމިޔާބީއެއް ހޯއްދެވުމަށްފަހު، އެއްވެސް ހައިސިއްޔަތެއް ނެތް ބަޔަކު އޭނާއަށް މަލާމާތްކޮށް އަގުވައްޓާލަން ފުރުސަތު ނުދެއްވާނެ" ކަމަށެވެ. އަދި ހުކުރު ދުވަހު ދެއްވަން އޮތް ކާމިޔާބީގެ ތަގުރީރު ވެސް އޭނާ ވަނީ ކެންސަލްކުރައްވާފައެވެ.
ކްލެކްޓަންގެ ގޮނޑިއަށް އަލުން އިންތިޚާބެއް ބާއްވަން ޖެހުނީ، ނުބުނެ ހުރި ހަދިޔާތަކެއްގެ މައްސަލައިގައި އޭނާގެ އަގުވައްޓާލަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ އާ މެންޑޭޓެއް ހޯއްދެވުމަށް ފަރާޖް މިދިޔަ މަހު އިސްތިއުފާދެއްވުމުންނެވެ. މައި ޕާޓީތަކުން މި އިންތިޚާބު ބޮއިކޮޓްކުރީ މިއީ އޭނާގެ އަމިއްލަ މަންފާއަށް ކުރެއްވި ކަމެއް ކަމަށް ބުނެއެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ މަގުން ޗާގޯސް ޖަޒީރާއަށް ދިއުމަށް ފަރާޖް ކުރެއްވި ދަތުރާއި، ކްރިޕްޓޯ ބިލިއަނަރު ކްރިސްޓޮފާ ހާބޯންއާ ގުޅުންހުރި 60 މިލިއަން ޑޮލަރުގެ އަގުބޮޑު ޕްރައިވެޓް ޖެޓެއްގައި ކުރެއްވި ދަތުރުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މަޖިލީހުގެ ރެޖިސްޓްރީގައި މި ދަތުރުގެ އަގު ފުރަތަމަ 12,500 ފައުންޑް ޖެހުމަށްފަހު ފަހުން ދެގުނައަށް މަތިކުރުމުން ލޭބާ ޕާޓީން ވަނީ އޮޅުވާލުމުގެ ތުހުމަތުކޮށްފައެވެ. އަދި އިނގިރޭސި ސަރުކާރުގެ ނުފޫޒުން ދިވެހި ސަރުކާރުން އޭނާ ޗާގޯސްއަށް ދިޔަނުދީ ހުރަސްއެޅި ކަމަށް ފަރާޖް ކުރި ތުހުމަތުތައް ދިވެހި ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
ފަރާޖް މަޖިލީހަށް އެނބުރި ވަޑައިގަތުމާއެކު، އޭނާގެ މާލީ ބަޔާންތަކާ ގުޅޭގޮތުން މަޖިލީހުން ކުރިއަށްގެންދާ ތަހުގީގު އަލުން ފަށާނެއެވެ. މިއީ 2024 ގެ އާންމު އިންތިޚާބުގެ ކުރިން ތައިލެންޑްގެ ކްރިޕްޓޯ ބިލިއަނަރެއްގެ ފަރާތުން ލިބުނު 5 މިލިއަން ޕައުންޑް (6.75 މިލިއަން ޑޮލަރު) ގެ ހަދިޔާ ހާމަނުކުރާ މައްސަލައެވެ. ފަރާޖް ވިދާޅުވީ އެއީ އަމިއްލަ ހަދިޔާއަކަށް ވާތީ، އެކަން ހާމަނުކުރުމަކީ ގޯހެއް ނޫން ކަމަށެވެ. ތަހުގީގުން އޭނާ ގަވާއިދާ ޚިލާފުވެފައިވާކަމަށް ނިންމައިފިނަމަ، ސަސްޕެންޑްކޮށް އަލުން އިންތިޚާބެއް ބާއްވަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
ލަންޑަންގެ ބާކްބެކް ޔުނިވާސިޓީގެ ޕޮލިޓިކްސް ލެކްޗަރާ ލޯރާ ރިޗަޑްސް ގްރޭ ވިދާޅުވިގޮތުގައި، މައި ޕާޓީތަކުން ވާދަނުކުރުމުން ފަރާޖްގެ ކެމްޕެއިނަށް ހުރަސްއެޅި، ގައުމީ ފެންވަރުގައި އޭނާއަށް ވަނީ ގެއްލުންވެފައެވެ. މީގެ އިތުރުން، އެންޑީ ބާންހަމް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ލޭބާ ޕާޓީގެ ތާއީދު 28 ޕަސެންޓަށް އުފުލިފައިވާއިރު، ރިފޯމް ޕާޓީގެ ތާއީދު ވަނީ 25 ޕަސެންޓަށް ދަށްވެފައެވެ.



