"ވިޒިޓް މޯލްޑިވްސް އިޔާ 2027" ގެ ރަސްމީ ތީމުގެ ގޮތުގައި "އައިލެންޑްސް އާރ އަސް" އިފްތިތާހުކޮށް، ދިވެހިރާއްޖޭގެ މީހުންނާއި، ސަގާފަތާއި، ގުދުރަތީ ރީތިކަމުގެ އިތުރުން ތަފާތު ތަޖުރިބާތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭ ޤައުމީ ކެމްޕޭނެއް ވަނީ ފަށާފައެވެ. މި ތީމު އިއުލާނުކޮށްފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި "ކުއާޓަރލީ އިންސައިޓްސް – މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ބްރީފިންގ: ކިއު3 2026" ގައެވެ. މި ތީމު އިފްތިތާހުކުރުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑެތި ޖަމިއްޔާތައް ކަމަށްވާ މާޓީ، އެންއެޗްޖީއޭއެމް، އެންބީއޭއެމް، މާޓާޓޯ އަދި މާޔާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
"އައިލެންޑްސް އާރ އަސް" ނުވަތަ "ރަށްތަކަކީ އަޅުގަނޑުމެން" މި ތީމަކީ ދިވެހިރާއްޖޭގެ އައިޑެންޓިޓީ ބިނާވެފައިވާ އެންމެ ބޮޑު އެއް އަސާސް ކަމަށްވާ "ރަށްތައް" އަސްލަކަށް ބަލައިގެން، އެ ކަންކަން އިތުރަށް ފުޅާކޮށްދޭ ގޮތަށް އެކުލަވާލާފައިވާ ތީމެކެވެ. ރާއްޖެއަކީ ހަމައެކަނި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއް ނޫން ކަމަށާއި، ދިވެހިންގެ ދިރިއުޅުމާއި، އާދަކާދައާއި، ކަނޑާ އޮތް ގުޅުމާއި މެހުމާންދާރީގެ ވަށްޓަފާޅި ބައްޓަންވެފައިވަނީ މި ރަށްތަކުގެ މައްޗަށް ކަން މި ތީމުން ދައްކުވައިދެއެވެ. މީގެއިތުރުން، ހަމައެކަނި ހިތްގައިމު މޫސުމް އަދި ދޮންވެލި ގޮނޑުދޮށްތަކުގެ އިތުރުން، އެޑްވެންޗަރ، ރޯމޭންސް، އާއިލީ ހަރަކާތްތައް، ސަގާފަތް، ލަކްޝަރީ، ދެމެހެއްޓެނިވި ފަތުރުވެރިކަން އަދި ވެލްނެސް ފަދަ ތަފާތު ދާއިރާތަކުން ރާއްޖެ ތަޖުރިބާކުރުމަށް މުޅި ދުނިޔެއަށް މި ކެމްޕޭން މެދުވެރިކޮށް ދައުވަތު އަރުވައެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި، މި ތީމަކީ ޤައުމީ އަސާސްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ތީމެކެވެ. އަދި ވިޒިޓް މޯލްޑިވްސް އިޔާ 2027 ގެ ސަބަބުން ދިވެހިންގެ އައިޑެންޓިޓީ އިތުރު ފުރިހަމަކަމާއެކު ދުނިޔެއަށް ހާމަކޮށްދީ، ފަތުރުވެރިކަމުގެ ސިނާއަތާއި އާންމު ރައްޔިތުންނާއި ބައިވެރިން އެއް އަމާޒަކަށް ވާސިލުވުމަށް ފުރުސަތު ލިބިގެންދާނެއެވެ. މި ތީމު އިތުރަށް ފުރިހަމަކުރުމަށްޓަކައި ރާއްޖޭގެ ގުދުރަތީ މާހައުލުން ފެންނަ އަށް ނިޝާނެއް ބޭނުންކޮށްފައިވެއެވެ. އެއީ މާކަނާ،ފިނިފެންމާ، ގޮނު، ބޮޑުމަސް، ސަންގު، ލަންޑާ، ކަކުނި، އަދި ފެހުރިސް ފަދަ ތަކެތިން އިލްހާމްލިބިގެން ބައްޓަންކޮށްފައިވާ ނިޝާންތަކެކެވެ. މިއިން ކޮންމެ ނިޝާނަކުން ފަތުރުވެރިކަމުގެ އަސާސީ އަށް ދާއިރާގެ ތެރެއިން ދާއިރާއެއް ދައްކުވައިދެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް އޮތް މަގުބޫލުކަމުގެ އިތުރުން، މި ކެމްޕޭނުގެ ސަބަބުން ރާއްޖެއާ ގުޅޭ ތަފާތު ގިނަ ވާހަކަތަކެއް ދުނިޔެއަށް ތިލަކޮށްދެވޭނެ ކަމަށެވެ. އަދި ސިނާއަތުގެ ހުރިހާ ޖަމިއްޔާތަކެއް ގުޅިގެން މި ތީމު އިފްތިތާހުކުރުމުން ރަމްޒުކޮށްދެނީ މުޅި ސިނާއަތުގެ އެއްބާރުލުމާއެކު ކުރިއަށްދާ ޤައުމީ މަސައްކަތެއްގެ ގޮތުގައެވެ. މި އިފްތިތާހަކީ ވިޒިޓް މޯލްޑިވްސް އިޔާ 2027 ގެ ފުރަތަމަ މަރުހަލާކަމަށްވާއިރު، މި ކެމްޕޭނުގެ ފުރިހަމަ ބްރޭންޑިންގ އަދި ރަސްމީ ލޯގޯ އާންމުކުރުމަށް ހަމަޖެހިފައިވަނީ 3 އޮކްޓޫބަރު 2027 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.



