Tuesday, October 13
އަމާން ޓަވަރުތައް ސަރަހައްދުން 910 ޓަނުގެ ކުނި ނަގައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފުލެޓު ސަރަހައްދު ސާފުކުރުމަށް ހިންގި ހަރަކާތުގެ ތެރެއިން، އަމާން ދޯދި ސަރަޙައްދުން 910 ޓަނުގެ ކުނި ނަގައިފިއެވެ.

މި މަހުގެ 1 ވަނަ ދުވަހު ފެށި "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން، އިއްޔެ ކުރިއަށް ގެންގޮސްފައިވަނީ އަމާން އުދަރެސް އާއި އަމާން ދޯދި ހިމެނޭ ސަރަޙައްދުގައި ޖަމާވެފައި ހުރި ކުނިތައް ނެގުމުގެ މަސައްކަތެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ނަގާފައިވާ 910 ޓަނުގެ ކުންޏަކީ އަމާން ދޯދި 9 އަކުން ފެށިގެން 11 ވަނަ ޓަވަރާ ހަމައަށް އޮތް ސަރަޙައްދުން އެއްކުރި ކުނިތަކެކެވެ. މީގެ ތެރެއިން އިއްޔެ ސާފުކޮށްފައިވަނީ 240 ޓަނުގެ ކުންޏެވެ.

އަމާން ދޯދި ސަރަހައްދު ސާފުކުރުމުގެ ހަރަކާތުގައި އެޗްޑީސީއާއި އެފްޑީސީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތް، ވެމްކޯ އަދި މޯޕާ ވަނީ މަސައްކަތް ކޮށްފައެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަދިރި އާލާވާ ފަދަ ތަންތަން ނައްތާލައި، ބަލިމަޑުކަމުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިއަށްގެންދާ މި ކެމްޕޭނުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ބާއްވަމުން ގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު