ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފުލެޓު ސަރަހައްދު ސާފުކުރުމަށް ހިންގި ހަރަކާތުގެ ތެރެއިން، އަމާން ދޯދި ސަރަޙައްދުން 670 ޓަނުގެ ކުނި ނަގައިފިއެވެ.
މި މަހުގެ 1 ވަނަ ދުވަހު ފެށި "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން، އިއްޔެ ކުރިއަށް ގެންގޮސްފައިވަނީ އަމާން އުދަރެސް އާއި އަމާން ދޯދި ހިމެނޭ ސަރަޙައްދުގައި ޖަމާވެފައި ހުރި ކުނިތައް ނެގުމުގެ މަސައްކަތެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ނަގާފައިވާ 670 ޓަނު (607،000 އަށް ވުރެ ގިނަ ކިލޯ) ގެ ކުންޏަކީ އަމާން ދޯދި 9 އަކުން ފެށިގެން 11 ވަނަ ޓަވަރާ ހަމައަށް އޮތް ސަރަޙައްދުން އެއްކުރި ކުނިތަކެކެވެ.
އަމާން ދޯދި ސަރަހައްދު ސާފުކުރުމުގެ ހަރަކާތުގައި އެޗްޑީސީއާއި އެފްޑީސީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތް، ވެމްކޯ އަދި މޯޕާ ވަނީ މަސައްކަތް ކޮށްފައެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަދިރި އާލާވާ ފަދަ ތަންތަން ނައްތާލައި، ބަލިމަޑުކަމުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިއަށްގެންދާ މި ކެމްޕޭނުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ބާއްވަމުން ގެންދާނެއެވެ.



