ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހދ. ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އޮގަސްޓު 6 ވަނަ ދުވަހު އާރޓީއެލް ފެރީ ޓާމިނަލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް/ދޫޑިގަން، މުޙައްމަދު އުމީން (19އ) އާއި ހދ. ކުމުންދޫ، ޢާއިޝަތު ޢަލީ (30އ) އެވެ. އެ ދެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 7.59 ގުރާމުގެ 27 ސެލޯފިންކޮޅު ފެނިފައިވާ އިރު، ކޯޓުން ވަނީ އުމީން 15 ދުވަހަށް އަދި ޢާއިޝަތު 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އޮގަސްޓު 5 ވަނަ ދުވަހު ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށި / އުރަހަ، ޙުސައިން ނަޢީމް (44އ) އާއި އެ ރަށު ބަންޑާރަހިޔާ 002ޕީ، ޢަބްދުއްރަޙްމާން މުޙައްމަދު (45އ) އެވެ. އެ ދެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 9.71 ގުރާމުގެ 30 ސެލޯފިންކޮޅު ފެނިފައިވާއިރު، ކޯޓުން ވަނީ ދެ މީހުންގެ ބަންދަށްވެސް 5 ދުވަސް ދީފައެވެ. ފުލުހުން ދަނީ މި ދެ މައްސަލަވެސް އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



