Monday, November 9
އިގުތިސާދުގައި ދައުރުވާ ފައިސާ ހިފެހެއްޓުމަށް އެމްއެމްއޭގެ މަނިޓަރީ ސިޔާސަތު ވަރުގަދަކޮށްފި
ދިވެހިރާއްޖޭގެ އިގުތިސާދުގައި ދައުރުވާ ދިވެހި ރުފިޔާގެ އިތުރު ލިކުއިޑިޓީ ކޮންޓްރޯލްކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ބޯޑުން މަނިޓަރީ ސިޔާސަތު ވަރުގަދަކޮށް، މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

އެމްއެމްއޭގެ ބޯޑުން ނިންމެވި ނިންމެވުންތަކުގެ ތެރޭގައި، ބޭންކުތަކުން މަރުކަޒީ ބޭންކުގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާގެ މިނިމަމް ރިޒާވް ރިކުއަޔަރމެންޓް 10.5 އިންސައްތައިން 11.0 އިންސައްތައަށް މަތިކުރުން ހިމެނެއެވެ. ސެޕްޓެމްބަރު މަހުން ފެށިގެން ތަންފީޒުކުރަން ހަމަޖެހިފައިވާ މި ބަދަލުގެ އިތުރުން، 2027 ވަނަ އަހަރުގެ ތެރޭގައި ކޮންމެ ތިން މަހަކުން ބޯޑުން ރިވިއުކުރަމުން ގޮސް، އެ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެމްއާރުއާރު މަރުހަލާތަކަކަށް ބަހާލައިގެން 13 އިންސައްތައަށް މަތިކުރުމަށްވެސް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން، ބާޒާރުގައި ދައުރުވާ ފައިސާ މަދުކުރުމަށްޓަކައި ހިންގާ އޮޕަން މާކެޓް އޮޕަރޭޝަންސް ގެ ރޭޓު 10 ބޭސިސް ޕޮއިންޓަށް މައްޗަށް ޖެއްސުމަށްވެސް އެމްއެމްއޭއިން ވަނީ ކަނޑައަޅައިފައެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހު އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށި ފަހުން، މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ބޭންކިން ނިޒާމުގައި ހުރި އިތުރު ލިކުއިޑިޓީގެ ތެރެއިން އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ވަނީ ނެގިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ކުރު ރާސްތާގެ ލިކުއިޑިޓީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ދަށްވެފައިވާކަންވެސް އެމްއެމްއޭއިން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު