Tuesday, October 27
ޑްރަގް ފަރުވާ ނިންމާ މީހުންނަށް ވަޒީފާ ހޯދަން ކުންފުނިތަކުގެ އެހީއަށް އެދިއްޖެ

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ނޭޝަނަލް ޑްރަގް އެޖެންސީ އިން ކުރިއަށް ގެންދާ ފަރުވާގެ ޕްރޮގްރާމް ނިންމާ މުޖުތަމައަށް ނުކުންނަ މީހުންނަށް ވަޒީފާ ހޯދަން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދޭން އެ އެޖެންސީގެ ބޯޑުގެ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު މިރޭ އެދިވަޑައިގެންފި އެވެ.

ޑްރަގް ކޯޓުން ފަރުވާ އަށް ހުކުމްކޮށް، އެ ހުކުމްގެ ދަށުން އެންޑީއޭގެ ފަރުވާގެ ޕްރޮގްރާމް މިދިޔަ އަހަރު ނިންމި މީހުންނަށް ހަނދާނީ ލިޔުން ހަވާލު ކުރަން އެ ކޯޓުން ބޭއްވި ރަސްމިއްޔާތުގައި ލުބުނާ ވިދާޅުވީ، ފަރުވާ ނިންމާ މީހުން އަލުން މުޖުތަަމައަށް ގެންނަން ސަރުކާރާއި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

ސަރުކާރުން ގެންދަނީ ފަރުވާ ނިންމާ މީހުން އަލުން މުޖުތަމައަށް ނެރުމަށް މިހާރު ވެސް ބޮޑެތި ހަރަދުތަކެއް ކުރަމުން ކަމަށާއި އޭގެ ނަތީޖާ ފެންނަމުން އަންނަ ކަމަށް ވެސް ލުބުނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެންޑީއޭ އިން ފޯރުކޮށްދޭނީ ހަމައެކަނި ފަރުވާ ނޫން ކަމަށާއި ފަރުވާ އަށް ފަހު ރިކަވަރީ ސަޕޯޓް ވެސް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

ތައުލީމާއި ތަމްރީނު އަދި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ވެސް އެންޑީއޭ އިން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

"މި ފުރުސަތުގައި އަޅުގަނޑު ރާއްޖޭގެ ކުންފުނިތަކާއި އެސްއޯއީތަކުގެ އެހީތެރިކަން ފަރުވާ ފުރިހަމަކުރާ ފަރާތްތަކަށް، ވަޒީފާ ލިބުމުގައި އެންޑީއޭއާ އެކު ވަރަށް ގާތުން މަސައްކަތް ކޮށްދިނުމަށް އެދި ދަންނަވަން. އަދި ކުންފުނިތަކާއި އެސްއޯއީތަކުގެ އެހީތެރިކަމަށް އެދެން،" ލުބުނާ ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު