Thursday, November 5
އާރުޓީއައިގެ ދަށުން ހާމަކުރަންޖެހޭ މަޢުލޫމާތުތައް ހާމަކުރި ތިން ވަނަ ކުންފުންޏަކަށް ފެނަކަ

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެނަކަ ކޯޕަރޭޝަނުން ވާސިލުވެއްޖެއެވެ. ފެނަކައަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން މިކަން ހާސިލުކުރި ތިންވަނަ ކުންފުންޏެވެ.

މިއާއެކު، ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް، ޤާނޫނުން ލާޒިމުކުރާ މައުލޫމާތުތައް އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކުންފުނީގެ އިދާރީ ހިންގުމާއި، މާލީ ހިސާބުތަކުގެ އިތުރުން، އާންމު މަސްލަހަތާ ގުޅުންހުރި މުހިންމު ނިންމުންތައް ހިމެނެއެވެ.

ފެނަކައިން ބުނީ މީގެ ސަބަބުން ކުންފުނީގެ ހިންގުން ހަރުދަނާވެ، ނަޒާހަތްތެރިކަން އިތުރުވެ، ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިވެގެންދާނެ ކަމަށާއި، މިއީ ކުންފުނީގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ފެނަކައިން އިތުރަށް ހާމަކުރި ގޮތުގައި މަޢުލޫމާތު ހާމަކުރުމަށް ގެންގުޅޭ ސިޔާސަތުތައް އިތުރަށް ހަރުދަނާކޮށް، އާރް.ޓީ.އައި އިލްތިމާސްތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އިޖާބަދިނުމަށް އެ ކުންފުނިން ދަނީ މިހާރު ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ އިތުރުން، ކުންފުނީގެ ހިދުމަތްތަކާއި މައުލޫމާތުތައް މިހާރަށްވުރެ ޒަމާނީ އަދި ފަސޭހަ ގޮތެއްގައި އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، އާ ވެބްސައިޓަކަށް ބަދަލުވުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު