Thursday, November 5
އަޑިއަށްދިޔަ މުދާ އުފުލާ ދޯނީގެ ކެޕްޓަނާއި ރެސްކިއުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ ބޭކަލަކު ގެއްލިގެން ހޯދަނީ

ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން އަޑިއަށް ގޮސް، އެ ދޯނީގެ ކެޕްޓަނާއި ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާރޑް ފޯތު ސްކޮޑްރަން އަށް ލިބިފައިވަނީ 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ 22:37 ހާއިރުއެވެ.

މި އުޅަނދަށް ރާޅު އަރައި ދިޔަވަމުންދާކަމުގެ މަޢުލޫމާތު ލިބުމާއެކު، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ ފަށާފައެވެ. ނަމަވެސް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު ވަނީ މުޅިން އަޑިއަށް ގޮސްފައެވެ.

މި ހާދިސާ ހިނގިއިރު، "ފްރެންޑް 4" ދޯނީގައި ޖުމްލަ 8 މީހުން ތިއްބެވެ. އޭގެ ތެރެއިން 7 މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް، މި ހާދިސާގައި ތިން މީހަކު ވަނީ ގެއްލިފައެވެ. ގެއްލުނު މީހުންގެ ތެރޭގައި ހިމެނެނީ ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހުންގެ ބޭކަލެކެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން މިހާރު ދަނީ ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކަނޑާއި ވައިގެމަގުން ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު