ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އއ. އުކުޅަހުގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހިތިގަހެއް އިންދަވާފައެވެ.
މި ހަރަކާތުގައި ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެން ގަސް އިންދެވިއެވެ. މިއަދުގެ ހަރަކާތުގައި އުކުޅަހުގައި ޖުމްލަ 19 ގަސް އިންދާފައިވާއިރު، އޭގެ ތެރޭގައި ރުކުގެ އިތުރުން ކިނބި، މަދީނާ އަދި މޫނިމާ ގަސް ހިމެނެއެވެ.
2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހު އިފުތިތާހުކުރި މި ރިޔާސީ ވައުދުގެ ދަށުން މިއަދާ ހަމައަށް 1,830,599 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.



