Thursday, November 5
ފިލިޕީންސްގެ ޔުނިވަރސިޓީއެއްގެ ސައިކޮލޮޖީ ޑިގްރީއެއް ޕްރީ މެޑިސިން ކޯހެއްގެ ގޮތުގައި ބަލައިގަތުން މެދުކަނޑާލައިފި

ފިލިޕީންސްގެ "ޔުނިވަރސިޓީ އޮފް ޕާޕެޗުއަލް ހެލްޕް ސިސްޓަމް ޑަލްޓާ" އިން ކުރިއަށްގެންދާ "ބީއެސް ސައިކޮލޮޖީ" ކޯހަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދެމުންދިޔަ ހުއްދަ ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި ކޯހަކީ 11 އޮގަސްޓް 2024 އިން ފެށިގެން އެ ކައުންސިލުން ގަބޫލުކުރާ ޕްރީ-މެޑިސިން ކޯހެއްގެ ގޮތުގައި ހުއްދަ ދެމުން އައި ކޯހެއް ނަމަވެސް، މި ކޯހާ ގުޅޭ ބައެއް މައްސަލަތަކެއް ކައުންސިލަށް ފާހަގަކުރެވިފައިވާތީ، ކޯހަށް ދެމުންދިޔަ ހުއްދަ މިހާރު ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށެވެ.

މި ޕްރީ-މެޑިސިން ޕްރޮގްރާމް ގަބޫލުކުރުން މެދުކަނޑާލި ކަމުގައި ވިޔަސް، ބައެއް ފަރާތްތަކަށް މީގެއިން އިސްތިސްނާ ލިބޭނެ ކަމަށް ކައުންސިލްގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން މި ޕްރީ-މެޑިސިން ކޯސް ނިންމުމަށްފަހު، މިހާރު މެޑިސިން ނުވަތަ ޑެންޓިސްޓްރީ ކިޔަވަމުންދާ ދަރިވަރުންނާއި، 21 ޖުލައި 2026 ގެ ކުރިން ޕްރީ-މެޑިސިން ނިންމައި، މެޑިކަލް ނުވަތަ ޑެންޓަލް ކޮލެޖަކުން ޖާގަ ހޯދުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތައް އިސްތިސްނާވާނެއެވެ.

އަދި 21 ޖުލައި 2026 ގެ ކުރިން ޕްރީ-މެޑިސިން ހަދަމުންދާ ދަރިވަރުންގެ އިތުރުން 2026 ވަނަ އަހަރުގެ ތެރޭގައި ހިންގާ ޕްރީ-މެޑިސިން ޕްރޮގްރާމަކުން، 21 ޖުލައި 2026 ގެ ކުރިން ޖާގަ ލިބި ފައިސާ ދައްކާފައިވާ ފަރާތްތައްވެސް މި ނިންމުމުން އިސްތިސްނާވެގެންވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު