ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށްޓަކައި، ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި އެސްޓްރާޒެނެކާއާއެކު ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) އިން މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމަށްޓަކައި އެސްޓްރާޒެނެކާގެ މަންދޫބުންނާ މިއަދު ވަނީ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ސްޓޭޓްފާމާގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ބައިވެރިވެވަޑައިގެންނެވިއިރު، އެސްޓްރާޒެނެކާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ކަންޓްރީ ބިޒްނަސް މެނޭޖަރ އަބީޝެކް ކައުޝިކެވެ.
ސްޓޭޓްފާމާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާއި، ދެ ފަރާތުގެ ދެމެދުގައި ދިގުމުއްދަތުގެ ބަދަހި ގުޅުމެއް ޤާއިމުކުރުމެވެ. މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުންވެސް ދެ ފަރާތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަށްޓަކައި ދުނިޔޭގެ ނަން މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކާއެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށްް މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓްފާމާއިން ބުނެއެވެ.
އެސްޓްރާޒެނެކާއަކީ ދުނިޔޭގެ 125 އަށްވުރެ ގިނަ ޤައުމަށް ބޭހާއި ފާމަސޫޓިކަލް ސާމާނު ފޯރުކޮށްދޭ، މި ދާއިރާގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުންޏާއެކު ރާއްޖެއިން ފެށި މި މަސައްކަތުގެ ސަބަބުން، ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސްތައް މެދުކެނޑުމެއްނެތި ލިބުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް ސްޓޭޓްފާމާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، ސްޓޭޓްފާމާއިން ދަނީ ރާއްޖެއަށް ބޭނުންވާ ބޭސްތަކުގެ ސްޓޮކް ހިފެހެއްޓުމަށްޓަކައި، ބޭސް ބޭނުންވާ މިންވަރު އަންދާޒާކޮށް ދުރާލާ ސްޓޮކް ބެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި މުޅި ރާއްޖެއަށް ފަސޭހައިން ބޭސް ފޯރުކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭސް ރައްކާކުރާނެ ގުދަންތައް ބިނާކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރިއަށް ގެންދަމުންނެވެ.



