Thursday, November 5
ޢުމްރާއިން އެނބުރި އަންނަ ފަރާތްތަކުން ބަލިތަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އެދެފި

ޢުމްރާގެ އަޅުކަން ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަމަށްފަހު އެނބުރި އަންނަ ފަރާތްތަކުން އަރިދަފުސް ރޯގާއާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށާއި، ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި، ދަތުރުމަތީގައްޔާއި މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުމަށްވެސް ވަނީ އެދިފައެވެ.

ބަލިތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި:

  • ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
  • ޚާއްޞަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުން ގާތަށް ނުދިއުން.
  • ރޯގާޖެހިފައިވާނަމަ ކުޑަކުދިން އުރާ ހެދުމުން ދުރުހެލިވުން.

އެޗްޕީއޭއިން ވަނީ ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް އެދިފައެވެ. އަދި ޑޮކްޓަރަށް ދައްކާއިރު އެއީ ޢުމްރާއިން އެނބުރި އައި ފަރާތެއްކަން ބުނެދިނުމަކީ މުހިންމު ކަމެއް ކަމުގައި އެ އެޖެންސީން ފާހަގަކުރެއެވެ.

ހުން ނުވަތަ އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތަކުގެ ތެރޭގައި ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، އަރާމުކުރުމުގެ އިތުރުން ހުންގަދަވާނަމަ އާދައިގެ ތާފަނާ ފެނުން ގައިގައި ފެންހޭކުން ހިމެނެއެވެ.

އަދި ޕެރަސެޓަމޯލް ފިޔަވައި އެހެން އެއްވެސް ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި ބޭނުން ނުކުރުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު