މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ޤާއިމުކުރުމަށްޓަކައި އެ ވުޒާރާއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި އެމް.އޯ.ޔޫގެ ދަށުން ހޮވާލެވޭ 10 ރަށެއްގައި ގަސްގަހާގެހި އިންދައި، އެ ތަންތަން އެގްރޮފޮރަސްޓްރީ ދަނޑުތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގެ ދަށުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން 4 ލައްކަ ގަސް ސަޕްލައިކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން 10 ރަށެއްގައި 10 ނާސަރީ ތަރައްޤީކުރުމަށް މިހާރުވެސް ކައުންސިލްތަކާއެކު އެއްބަސްވުންތަކުގައި ވަނީ ސޮއިކުރެވިފައެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މިހާތަނަށް 1.8 މިލިއަން ގަސް ވަނީ އިންދިފައެވެ. އަދި އެކި ފަރާތްތަކުން ޖުމްލަ 5.8 މިލިއަން ގަސް އިންދުމަށް ވައުދުވެފައިވާ އިރު، މި މަޝްރޫޢަށް ގަސް ސަޕްލައިކޮށްދިނުމަށް މިހާރުވެސް ދެ ފަރާތަކުން ވަނީ ހަމަޖެހިފައެވެ.



